ކޯވިޑް-19 އާއި ގުޅިގެން ގައުމުތަކުގެ ބޯޑަރު ބަންދު ކުރުމުން ގައުމަށް ނުދެވި ރާއްޖޭގައި ތާށިވެފައި ތިބި ޓޫރިސްޓުންތަކެއް މޯލްޑިވިއަންއިން އެމީހުންގެ ގައުމަށް ގެންގޮސްދީފި އެވެ.
މިއަދު މޯލްޑިވިއަން އިން ޓޫރިސްޓުން ގެންގޮސްފައިވަނީ މޮރިޝަސް އާއި ސައުތް އެފްރިކާ އަށެވެ. ސައުތު އެފްރިކާގެ 40 މީހަކާއި މޮރިޝަސްގެ 11 މީހަކު ރާއްޖޭގައި ތާށިވީ އެމިރޭޓްސް އިން ޓިކެޓު ނެގި ފަހުން އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް މެދުކަނޑާލުމުންނެވެ.
މި މީހުން ގޮވައިގެން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކުރާ ދަތުރުގައި އެންމެ ފުރަތަމަ ދާނީ މޮރިޝަސް އަށެވެ. މޮރިޝަސްއަށް 11 މީހުން ބޭލުމަށް ފަހު ތެޔޮ އަޅައިގެން ދެން ފުރާނީ ސައުތު އެފްރިކާއަށެވެ. ދަތުރަށް ފަހުން އެނބުރި ރާއްޖެ އަންނާނީ ވެސް މި މަގުންނެވެ.
މޯލްޑިވިއަން އިން ވަނީ ރާއްޖޭގައި ތިބި މެލޭޝިއާ ރައްޔިތުންތަކެއް އެގައުމުގައި ތިބި ދިވެހިން ބަލާ ކުރި ދަތުރެއްގައި ގެންގޮސްދީފަ އެވެ. އެކި ގައުމުތަކުގައި މިވަގުތު ތަށިވެފައި ތިބި ދިވެހިން ގެނައުމުގައިވެސް މޯލްޑިވިއަން އިން މުހިންމު ރޯލެއް އަދާ ކުރަމުންނެވެ.
މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓުތަކުގައި އިންޑިއާގެ ކޮޗިން އާއި ޓްރިވެންޑްރަމް އަދި ސްރީލަންކާ އާއި މެލޭޝިއާގައި ތިބި ދިވެހިން ގެނެސްފައިވެ އެވެ. އަދި އެ ގައުމުތަކުގައި ތިބި ދިވެހި އާއިލާތަކަށް ބޭނުންވާ ކާގޯވެސް މޯލްޑިވިއަންގެ ފްލައިޓުތަކުގައި ދަނީ ގެންގޮސް ދެމުންނެވެ.
މޯލްޑިވިއަންއިން ބުނީ ކޯވިޑް-19 އާއި ގުޅިގެން ބައިނަލް އަގުވާމީ ވައިގެ ދަތުރުތައް ހުއްޓާލާފައިވާ މި ދަނޑިވަޅުގައި އެ އެއާލައިނުން ކުރާ ދަތުރުތަކުގެ އަގު ނަގަނީ ކުންފުންޏަށް އެއްވެސް ފައިދާއެއް ނުލައި ނެގެން އޮންނަ އެންމެ ކުޑަކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް