ރާއްޖޭގައި ބިން ބޮޑެތި ރަށްތަކުގެ ތެރެއިން44 ރަށަކުން ތިން އަހަރު މުއްދަތަށް ހިލޭ ދަނޑު ހައްދަން ބިން ދޫކުރަން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ ބިން އޮތް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ދަނޑު ބިން ދޫކުރުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. ޒަހާ ވިދާޅުވީ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ދަނޑުވެރިކަން ކުރުމަށް ބިން ދޫކޮށް އެ މަސައްކަތް ފުޅާކުރުމަކީ އެ މަސައްކަތުގެ ދަށުން ކުރެވެމުންދާ ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ބޭނުންވަނީ ބިންތަކެއް ދޫކުރުމުގެ ބަދަލުގައި ނަތީޖާ ހާސިލްވާ ގޮތަށް މި މަސައްކަތް ކުރަން ކަމަށެވެ. އެގޮތުން މި ބިންތަކުގައި ދަނޑުވެރިކަން ކުރަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާ އުސޫލުން ވަކި ގައިޑްލައިނަކާ އެއްގޮތަށް ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުން ދުރުވިސްނުމެއްގެ ދަށުން މީގެ ހަ މަސް ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. ކުރިން ތާވަލް ކުރެވިފައިވާގޮތުން ދަނޑުބިންތައް ދޫކޮށް މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ މިއަހަރު ފަހުކޮޅު ކަމަށެވެ. އެކަމަކު ކޯވިޑް-19 އާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކެއް އަވަހަށް ކުރަން ޖެހޭތީ މި ކަން އަވަސް ކުރީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ44 ރަށުގައި ދޫކުރާ ބިންތަކުގައި ހައްދަން ޖެހޭނީ ސަރުކާރުން ކަނޑައަޅާ17 ބާވަތެއްގެ ދަނޑުގޮވާމެވެ. ފައްޔާޒު ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭނީ ރާއްޖެއިން ބޭރަށް ބަރޯސާ ވާން ޖެހިފައިވާ ބާވްތަކެއް ކަމަށެވެ. އަމާޒަކީ މިހާރު ރާއްޖެއަށް އިމްޕޯޓު ކުރާ އެ ބާވަތްތައް50 ޕަސެންޓު މަދު ކުރުން ކަމަށެވެ.
މިކަން ކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މެދުވެރިކޮށް ކޮންޓްރެކްޓު އުސޫލުންނެވެ. އެ ބިންތަކުގައި ހައްދާ ތަކެތި ހަމަ އަގުގައި ސަރުކާރުން ގަންނާނެ އެވެ. އަދި އެ ތަކެތި ގަންނަން އެ ރަށްރަށަށް ދާނެ އިންތިޒާމް ހަމަޖައްސާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް