ކޮވިޑް-19: އާއިލީ ބައްދަލުވުންތަކާ ޖަލަށް އަންނައުނު ފޮނުވުން މެދުކަނޑާލައިފި

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ޖަލުގައި ގައިދިންނާއި ބައްދަލުކުރުމާއި ގައިދީންނަށް ތަކެތި ފޮނުވުމުގެ އުސޫލަށް ބަދަލު ތަކެއް ގެނެސްފި އެވެ. ސިއްހީ ކުއްލި ނުރައް...

12 Mar 2020 | 18:30

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ޖަލުގައި ގައިދިންނާއި ބައްދަލުކުރުމާއި ގައިދީންނަށް ތަކެތި ފޮނުވުމުގެ އުސޫލަށް ބަދަލު ތަކެއް ގެނެސްފި އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ދުނިޔެ ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލާފައިވާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ނެވެ.

ކަރެކްޝަންސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި އާއިލީ ބައްދަލުވުންތަކާއި އެކަހެރި ބައްދަލުވުންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ގައިދީންނަށާއި ބަންދުގައި ތިބި މީހުންނަށް އަންނައުނު ފޮނުވުންވެސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އޭގެ ބަދަލުގައި މިހާރު ފޯނު ކޯލު ކުރުމަށް ދެވޭ ވަގުތު އިތުރުކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެ އެވެ.

މިގޮތަށް ނިންމީ ޖަލުގައި ތިބި ގައިދީންނާއި ބަންދު މީހުންނާއި ޖަލު އޮފިސަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައިވެ އެވެ.

ކޮރޯނާ ވައިރަސް މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ ރިސޯޓުތަކުންނެވެ. ތިން ރިސޯޓަކުން އަށް މީހަކު ބައްޔަށް ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް