ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އޭޕްރިލް މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ފަސް މެންބަރުންގެ ބައްދަލުވުމަށް ފަހު އެވެ. މި މަޝްވަރާ ކުރެއްވީ މިއަދު އިއުލާނު ކުރެއްވި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެންނެވެ.
މިކަން އިއުލާނު ކުރައްވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ ތާރީހަކީ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިހާބުގެ ވޯޓު ނެގުން ބޭއްވޭނެ އެންމެ ފަހުގެ ތާރީހު ކަމަށެވެ. މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފި ނަމަ އިންތިހާބުގެ ވޯޓު ނެގުން ދެން ފަސް ކުރެވޭނީ ކޯޓު އަމުރަކުން ކަމަށެވެ.
ޝަރީފު ވިދާޅުވީ މިހާރު އިންތިހާބު ބާއްވަން ހަމަޖެއްސި ތާރީހުގައި ބާއްވައިގެން އެ ކޮމިޝަނުން އިތުރަށް ކުރަން ޖެހޭނެ ހަރަދަކީ އޮފިޝަލުންނާއި ފޯކަލް ޕޮއިންޓުތަކަށް ދާ ހަރަދުތައް ކަމަށެވެ. އޭނާ ވިދާޅުވީ ވޯޓު ނަގާ ދުވަސް ފަސް ކުރުމުން ވަގުތީ ގޮތުން ނަގާފައިވާ ބައެއް އޮފިޝަލުން ދޫކޮށްލުމަށް ފަހު، ފަހުން އަނެއްކާވެސް އެމީހުން ވަޒީފާއަށް ނަގާނީ ކަމަށެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާ ތާރީހަށް މި ގެނައި ބަދަލާއި އެކު އޭޕްރިލް18 ވަނަ ދުވަހާއި ހަމައަށް18 އަހަރު ފުރޭ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށެވެ. އެ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އެ ފަރާތްތަކަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިން ހަމަޖައްސާފައި އޮތީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އިންތިހާބު ބާއްވާށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ އެ ކޮމިޝަން އޮތީ ކައުންސިލް އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ކަމަށެވެ.
އެކަމަކު މިހާރު ކޮރޯނާ ވައިރަސް މުޅި ދުނިޔޭގައި ފެތުރެމުންދާ މިންވަރަށް ބަލާއިރު އެހާތަނަށް ބަލި ކޮންޓްރޯލް ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވި އެވެ. އަދި އޭނާ ދެކެވަޑައިގެންނަވާ ގޮތުގައި އޭޕްރިލް ހަތަރު ވަނަ ދުވަހު އިންތިހާޞު ބޭއްވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް