ދުނިޔެ ސިއްސުވާލާފައިވާ ކޮރޯނާ ވައިރަސް އާއި ގުޅިގެން އިގްތިސޯދަށް ކިތަންމެ ގެއްލުމެއް ވިޔަސް ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުން އަންދާޒާ ކުރިވަރަށްވުރެ މާ ބޮޑު ގެއްލުމެއް ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރާނެ އެވެ. ރައީސް ވިދާޅުވީ މިފަދަ ހާލަތެއްގައި ސަރުކާރުން ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އެ ފިޔަވަޅު ތަކުގެ ތެރޭގައި ސަރުކާރުން ކުރާ ދަތުރުތަކާއި މަރާމާތުތަކާއި ޕީއެސްއައިޕީގައި ނުހިމެނޭ މަޝްރޫތައް މަޑު ޖައްސާލާފައިވާ ކަމަށް ވިދާޅުވި އެވެ. އެކަމަކު މިފަދަ ދަނޑިވަޅެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށާއި ސަރުކާރުން ކުރިޔަށް ގެންދާ ބޮޑެތި މަޝްރޫއުތައް ވެސް ހުއްޓާ ނުލާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މި ދަނޑިވަޅުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ރާއްޖެއަށް ފެހި ސިގްނަލް ދީފައިވާ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ލިބެމުންދާ ހީނަރުކަމެއް ސަބަބުން އެއްވެސް ރަށަކުން ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށެވެ. އަދި ތިން މަސްދުވަހަށް ވާވަރަށް ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ބުނެފައިވާ ކަމަށެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ30 ދުވަހަށެވެ. ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ރާއްޖޭގައި ކޮރޯނާ ވައިރަސް މިހާރު އޮތް މިންވަރަށްވުރެ އިތުރު ވާތީ ނޫން ކަމަށެވެ. އެއީ ދުނިޔޭގައި މިބަލި ފެތުރެމުންދާ މިންވަރަށް ބަލައި ގެނައި ބަދަލެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް