ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިގޮތަށް ކަނޑައެޅީ ހެލްތް މިނިސްޓަރަށް ލިބިދ...

12 Mar 2020 | 10:23

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިގޮތަށް ކަނޑައެޅީ ހެލްތް މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރަން މިނިސްޓަރަށް ލަފާ ދެއްވާނީ ޑައިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

އެމަގާމުގައި ހުންނެވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭގެ ޑިރެކްޓަރު ޖެނެރަލް މައިމޫނާ އަބޫބަކުރެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މި ބަލި ފެތުރެމުންދާ މިންވަރު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވެ ޑަބްލިއުއެޗްއޯއިން މި ބައްޔަކީ މަލިމަޑު ކަމެއްގެ ގޮތުގައި އިއުލާނު ކޮށްފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މި ބަލީގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް މިންވަރު އިތުރުވެފައި ނުވާ ކަމަށެވެ.

މިނިސްޓަރު މިއަދުވެސް ވިދާޅުވީ މިހާރު ވައިރަސް ރާއްޖޭގައި މި އޮތް ހާލަތުން އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށެވެ.

މިއަދު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ30 ދުވަހުގެ މުއްދަތަށެވެ. އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި މިއީ ފުރަތަމަ ފަހަރެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުން ސަލާމަތްވާށާއި އަޅަން ޖެހޭ ފިޔަވަޅުތަކަށް ވަރަށް މަތީ ފެންވަރުގެ ފަންނީ ލަފަޔާއި ރާއްޖޭގައި ތިބި ސިއްހީ ތަޖުރިބާކާރުންގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ. އަދި ވައިރަހުން ސަލާމަތް ވުމަށް ފިޔަވަޅުތައް އަޅަމުން ގެންދަނީ މީގެ ކުރިން ރާއްޖެ ކުރި ތަޖުރިބާތަކަށް ބަލާފައި ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ފެތުރުނު ނުރައްކާތެރި ރޯގާތަކުގެ ތެރޭގައި ޝިގެއްލާ އާއި ކޮލެރާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް