ގައިން ގަޔަށް އަރާ ބަލިތަކާއި ގުޅިގެން ބަލި މީހުން ކަރަންޓީން ކުރުމާއި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން އެ މީހުންނަށް އަންގާ އެންގުންތަކަށް ތަބާނުވާ ނަމަ ކޯޓު އަމުރެއްގެ ދަށުން އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސައިފި އެވެ.
އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނު ބުނާގޮތުން، ގައިން ގަޔަށް އަރާ ބައްޔެއް ހުންނަ މީހުންނާއި އެފަދަ ބައްޔެއް ހުރެދާނެ ކަމަށް ބެލެވޭ މީހުން ވަކި ކަމެއް ނުކުރަން ނުވަތަ ވަކި ކަމެއް ކުރަން އެންގިދާނެ އެވެ. އޭގެ ތެރޭގައި ކަރަންޓީން ކުރުން ވެސް ހިމެނެ އެވެ. އަދި އެކަމަށް އެ މީހަކު ދެކޮޅު ހަދާ ނަމަ، އެކަން ތަންފީޒު ކުރުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅިދާނެ ކަމަށް ވެސް އެ ގާނޫނުގައިވެ އެވެ.
ސިވިލް ކޯޓުން މިއަދު އާންމު ކުރި އުސޫލުގައި ބުނެފައިވަނީ ކަރަންޓީން ވުމަށް ދެކޮޅު ހަދާ މީހެއްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި ނަމަ މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމެއް ނެތި ވެސް އެދިފައިވާ އަމުރު ނެރެވިދާނެ އެވެ. އަދި އަމުރުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ނަމަ އެކަމަށް ލިޔުމުން އެދެވޭނެ ކަމަށް ވެސް އެ އުސޫލުގައިވެ އެވެ.
މިފަދަ މައްސަލަތަކަށް ކޯޓު އަމުރު ހޯދުމަށް އީމެއިލް މެދުވެރިކޮށް އެދެވޭނެ އެވެ. އަދި މައްސަލަ ރަޖިސްޓްރީ ކުރުމަށް އެއްވެސް ފީއެއް ނުނަގާނެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ ކަރަންޓީންވާން ދެކޮޅު ހަދާ ފަރާތެއް ހުރި ނަމަ ނުވަތަ ހޯމް ކަރަންޓީން ކުރާ މީހުން ގޭގައި މަޑު ނުކުރާނަމަ ފުލުހުން މެދުވެރިކޮށް އެޅޭނެ ފިޔަވަޅުތައް ހުންނާނެ ކަމަށެވެ.
ސިވިލް ކޯޓުން މިފަދަ ގަވައިދެއް އާންމު ކޮށްފައި މިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރި ގިނަ ބަޔަކު ހޯމް އައިސޮލޭޝަންގައި ތިބުމަށް އަންގަމުންދާ ދަނޑިވަޅެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް