ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރުމާއިި ގުޅޭގޮތުން މިރޭ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު އަކްރަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ކޮމިޝަނުން އަބަދުވެސް ރައްޔިތުންގެ ކަންބޮޑުވުންތައް އަހާނެ ކަމަށެވެ. އެކަމަކު ގާނޫނުގައި ބުނާ މުއްދަތަށްވުރެ އިންތިހާބު ފަސް ކުރުމަކީ އީސީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތް ރަނގަޅަށް އޮޅުން ފިލުވުމަށް ފަހު އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނުން މިރޭ ގޮތެއް ނިންމާ އެކަން ރައްޔިތުންނަށް ހާމަކޮށްދޭނެ ކަމަށެވެ.
https://twitter.com/akram4535/status/1238037207765536768
ކޮރޯނާ ވައިރަސް ރާޢްޖެއިން ފެނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އިންތިހާބު ފަސް ކުރުމަށް ގޮވާލަމުންނެވެ. އިދިކޮޅު ސިޔާސީ ޕާޓީން ބުނެފައިވަނީ ހާލަތަށް ބަލައި އިންތިހާބު ފަސް ކުރާނަމަ އެކަމަށް ތާއީދު ކުރާނެ ކަމަށެވެ.
އެކަމަކު ވެރިކަން ކުރާ އެމްޑީޕީން ބޭނުންވަނީ އިންތިހާބު ބޭއްވުމަށެވެ. އެ ޕާޓީން ބުނީ އިންތިހާބު ނުބާއްވައިފި ނަމަ ގައުމަށް ބޮޑު ގެއްލުމަކާއި ކުރިމަތިވާނެ ކަމަށެވެ.
މިހާރު ތާވަލް ކުރެވިފައިވާ ގޮތުން އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިހާބު އޮންނާނެ އެވެ.
ކޮރޯނާ ވައިރަސް ޖެހިފައިވާ އަށް މީހަކު މިހާރު ރާއްޖޭގައި އެބަ ތިއްބެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް