ހަލުވި ކަމާއި އެކު ދނުިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓްތައް ނެގުމަށް ލޯކަލް ގަވާމަންޓު އޮތޯރިޓިން އަންގައިފި އެވެ.
އެލްޖީއޭއިން މީޑިއާގައި ބުނެފައިވަނީ މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓުތައް ނަގަން އެންގީ ރާއްޖެ އިން އެކުލަވައިލާފައިވާ އެޑްވައިޒަރީ ގްރޫޕުން އެގޮތަށް ނިންމުމުން ކަމަށެވެ. އެލްޖީއޭއިން ބުނީ ކާޕެޓްތައް ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
މިސްކިތަކީ ގިނަ ބަޔަކު އެއްވާތަނަކަށް ވާތީ ސާފު ކުރުމުގެ ކަންކަން ވަރަށް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ އެވެ. އެލްޖީއޭއިން ބުނީ ކާޕެތްތައް ނަގާ ޓައިލްސް މަތި ކޮންމެ ދުވަހަކު ޑިސްއިންފެކްޓު ކުރަން ފަސޭހަވާނެ ކަމަށެވެ.
މި އެންގުން މިހާރު ކައުންސިލްތަކަށް އެ އޮތޯރިޓިން ވަނީ އަންގާފައި އެވެ.
މީގެ އިތުރުން މި ހަފްތާގައި އިސްލާމިކް މިނިސްޓްރީން ވަނީ ކެއްސާ ކިނބިހި އަޅާ ރޯގާ ޖެހިފައިި ތިބޭ މީހުން މިސްކިތަށް ނަމާދަށް ނުދިއުމަށް އިލްތިމާސް ކޮށްފައި އެވެ.
މިހާތަނަށް ރާއްޖެއިން އަށް މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވެ އެވެ. އެއީ ހުސް ރިސޯޓުތަކުގައި ތިބި ބިދޭސީންނެވެ.
ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ބޮޑުވެފައިވާތީ އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރައްކާތެރި ނޫންކަމަށް ބުނެފައި އެވެ. އެހެންވެ އަންނަ ހަފްތާގައި ސްކޫލްތައް ހުޅުވުން ވަނީ އެއް ހަފްތާއަށް ފަސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް