ކޮރޯނާ ވައިރަސްއާއި ދެކޮޅަށް ރާޢްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ ދާއިރާއިން ހިލޭ އެހީ ފޯރުކޮށްދޭން އިންޑިއާއިން ނިންމައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިލޭ އެހީގެ ދަށުން އިންޑިޔާއިން ރާއްޖެއަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގެ ހިދުމަތްތެރިން ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހޭނައްތާ ޑޮކްޓަރުންނާއި ނޭވާލާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން އަދި ފިޒީޝަނުންނާއި ލެބޯޓްރީ ޓެކްނީޝަނުން ހިމެނެ އެވެ.
ބޭހުގެ ގޮތުގައި ހަދިޔާ ކުރަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ފަރުވާ ދިނުމަށް ބޭނުން ކުރާ ގިނަ އަދަދެއްގެ ބޭސް ކަމަށް ބުނެފައިވެ އެވެ. މި ދުވަސްވަރު އިންޑިއާގައި އުފައްދާ ބޭސްތައް އެކްސްޕޯޓު ކުރުން އެ ގައުމުން ވަނީ ކޮންޓްރޯލް ކޮށްފައި އެވެ.
ކޮރޯނާ ވައިރަސް އާއި ދެކޮޅަށް ކުރާ ސިއްހީ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ނިންމި އިރު ވައިރަސް އާއި ގުޅިގެން ވިސާ ދިނުމުގައި މިރެއިން ފެށިގެން އިންޑިއާއިން އަމަލު ކުރަން ފަށާ އުސޫލުތަކުގައިވެސް ދިވެހިން ވަނީ އިސްތިސްނާ ކޮށްފައި އެވެ.
އެގޮތުން ކޮންމެހެން އިންޑިއާއަށް ދާންޖެހޭ މީހުންނަށް ހައި ކޮމިޝަނަށް ގުޅައިގެން ވިސާ ލިބޭނެ ކަމަށާއި މިހާރު ވިސާ ނަގާފައި ނުފުރާ ހުރި ފަރާތްތަކަށްވެސް ހައި ކޮމިޝަނަށް ގުޅުމުން ވިސާ ފުރޭނެ ގޮތް ހަމަޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
ވައިރަހާ ގުޅިގެން އިންޑިއާ އިން ވަނީ ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ދިވެހިން އެތަނުން ނެރުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެމީހުން އެތަނުންނެރެ ރާއްޖެ އައުމުގެ ކުރިން ކަރަންޓީނު މުއްދަތު ހަމަކުރީވެސް އިންޑިއާގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް