ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިތުރުވެފައިވާތީ އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާއިން ވިސާ ދޫކުރުމުގައި އެޅި ފިޔަވަޅުތަކުގައި ދިވެހިންނަށް ލުއި ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އިންޑިއާއިން ނިންމާފައިވަނީ ޑިޕްލޮމެޓުންނާއި އދ.ގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މެންބަރުންނާއި ވަޒީފާގެ ބޭނުމަށް އަންނަ މީހުންނާއި ޕްރޮޖެކްޓް ވިސާ އޮންނަ މީހުން ފިޔަވައި އެހެން އެންމެންނަށް މިރޭ މެންދަމު 12:00 އިން ފެށިގެން ވިސާ ދޫކުރުން މެދުކަނޑާލާށެވެ. އެގޮތަށް ނިންމާފައިވަނީ އަންނަ މަހުގެ 15 އާ ހަމައަށެވެ.
ސްރީލަންކާއިން ނިންމާފައިވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލާށެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާއިން ވިސާ ދިނުމުގައި ބަދަލު ތަކެއް ގެނަޔަސް ކޮންމެހެން އިންޑިއާއަށް ދާން ޖެހޭ ދިވެހިންނަށް އެ އުސޫލު ނުހިނގާނެ ކަމަށެވެ. އަދި އިންޑިއާގައި މިހާރު ތިބި ދިވެހިންނާ މެދު އަމަލުކުރަމުން ގެންދާނީ، ރާއްޖެ އާއި އިންޑިއާއާ މެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ކޮންމެހެން އިންޑިއާ އަށް ދާންޖެހޭ ދިވެހިން އެކަން ހަމަޖައްސަން އިންޑިއާ ހައިކޮމިޝަނާ ގުޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ. އިންޑިއާ އަށް ދާން ކުރިން ވިސާ ނަގައި އަދި ދަތުރު ނުކުރާ ދިވެހިން ވެސް ވިސާ ވެލިޑޭޓްކުރުމަށް ހައި ކޮމިޝަނާ ގުޅަން ވަނީ އެދިވަޑައިގެންފަ އެވެ.
ލަންކާއިންވެސް ނިންމާފައިވަނީ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރާ ގޮތަށެވެ. ލަންކާގެ އިތުރުން ތައިލެންޑުން ވެސް ވަނީ އޮންއެރައިވަލް ވިސާ ދިނުން ހުއްޓާލައިފަ އެވެ. އެ ގައުމުން ވެސް ވަނީ ރާއްޖެ އިސްތިސްނާކޮށްފަ އެވެ.
މުޅި ދުނިޔޭގައި ހަލުވި ކަމާއި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު މި ބަލި ވަނީ123 ގައުމަކުން ފެނިފަ އެވެ. މިހާތަނަށް މި ބަލި 126،386 މީހަކަށް ޖެހިފަ ވެއެވެ. އަދި މީގެ ތެރެއިން 68،313 މީހަކު ރަނގަޅުވެފައި ވާއިރު 4،635 މީހަކު ވަނީ މަރުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް