ކޮވިޑް-19: ޕޮސިޓިވް ކޭސްތައް ފެނުނު ރިސޯޓުތައް ހުޅުވާލުމުން ގެސްޓުން ފުރަން ފަށައިފި

ކޮރޯނާ ވައިރަސް ފެނިގެން އަރާ ފޭބުން މަނާކޮށް ކަރަންޓީން ކޮށްފައިވާ ތިން ރިސޯޓު އާންމުކޮށް ހުޅުވާލައިފި އެވެ. ވައިރަހަށް ޕޮސިޓިވްވި މީހުން ތިބެގެން ކަރަންޓީން ކުރީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް...

12 Mar 2020 | 05:51

ކޮރޯނާ ވައިރަސް ފެނިގެން އަރާ ފޭބުން މަނާކޮށް ކަރަންޓީން ކޮށްފައިވާ ތިން ރިސޯޓު އާންމުކޮށް ހުޅުވާލައިފި އެވެ.

ވައިރަހަށް ޕޮސިޓިވްވި މީހުން ތިބެގެން ކަރަންޓީން ކުރީ ކުރެއްދޫ އައިލެންޑް ރިސޯޓު، ސޭންޑީޒް ބަތަލާ އައިލެންޑް ރިސޯޓު އަދި ކުރަމަތި އައިލެންޑް ރިސޯޓެވެ. މީގެ ތެރެއިން ކުރެއްދޫން ހަތަރު މުވައްޒަފަކު ވައިރަހަށް ޕޮސިޓިވްވި އިރު އަނެއް ދެ ރިސޯޓުން ޕޮސިޓީވްވެފައިވަނީ ކޮންމެ ރިސޯޓަކުން ދެ ޓޫރިސްޓުންނެވެ.

ވައިރަހަށް ޕޮސިޓިވްވި މީހުން މިހާރު ވަނީ ކަރަންޓިން ފެސިލިޓީތަކަށް ބަދަލުކޮށްފައި އެވެ.

އެޗްޕީއޭއިން ބުނީ ރިސޯޓުތައް އާންމު އޮޕަރޭޝަނަށް ހުޅުވާލި ނަމަވެސް ޝައްކު ކުރެވޭ ނުވަތަ އައިސޮލޭޝަންގައި ތިބެން އަންގާފައިވާ މީހުން ރިސޯޓުތަކުގެ ވަކި ސަރަހައްދެއްގައި ރޫމް އައިސޮލޭޝަންގައި އެބަ ތިބި ކަމަށެވެ. އަދި އެމީހުންނާއި މެދު މެނޭޖްމެންޓުން އަމަލު ކުރަނީ އެޗްޕީއޭއިން އަންގާފައިވާ އުސޫލުންތޯ ބަލާނެ ކަމަށެވެ.

ރިސޯޓު ހުޅުވާލުމުން ފުރާ ގެސްޓުން ރިސޯޓުން ފޭބުމުގެ ކުރިން އެޗްޕީއޭގެ ސިއްހީ އޮފިޝަލުން (އެގްޒިޓް ސްކްރީން) އެއް ކުރަމުންދާނެ އެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިއްހީ އޮފިޝަލުން ރިސޯޓުތަކުގައި ތިބޭނެ އެވެ.

ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރިފައިވަނީ ކުރެއްދޫ ރިސޯޓުން ދިޔަ ފަތުރުވެރިއަކު ވައިރަސްއަށް ޕޮސިޓިވްކަން އެންގި ފަހުންނެވެ. އެހެންވެ އެ ރިސޯޓުގެ ލެވެލް އޮތީ އޮރެންޖަށް ބަދަލުކޮށްފައި އެވެ. އެހެން ޕޮސިޓީވް ކޭސްތައް ފެނުނު ރިސޯޓުތަކާއި ރާއްޖޭގެ ލެވެލް އޮތީ ރީނދޫގައި އެވެ.

އާންމު އޮޕަރޭޝަނަށް ރިސޯޓުތައް ހުޅުވާލާފައި މިވަނީ ރިސޯޓުތައް މިގޮތަށް ބަންދު ކުރުމުން އިގްތިސޯދަށް ގެއްލުން ވާކަމަށް ބުނެ ވައިރަހާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ލެވެލްތައް އުވާލަން އުޅޭކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމަކު އެކަން ރޭވެސް ސަރުކާރުން ވަނީ ދޮގުކޮށްފައި އެވެ.

މީގެ ކުރިން ޝައްކު ކުރެވޭ ވައިރަހުގެ ކޭސްއެއް ފެނުމުން އެ ރިސޯޓަކަށް ވަގުތީ ގޮތުން އަރާ ފޭބުން އެޗްޕީއޭއިން ދިޔައީ މަނާ ކުރުމަުންނެވެ. އެކަމަކު ސަން އަކުއާ ރިސޯޓުން ބިދޭސީއެއް ކޮރޯނާ ވައިރަހަށް ޝައްކު ކުރެވުމުން އެރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކުރުމުގެ ބަދަލުގައި އެޗްޕީއޭއިން ބުނީ އެ ރިސޯޓު އޮތީ މޮނިޓަރިންގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް