މާލޭގައި މިއަދު ބޭއްވި "މަގޭ ފްލެޓް ކޮބާ" މުޒާހަރާގައި ހިނގާދިޔަ ކަންކަމައި ގުޅިގެން އިދިކޮޅު ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިންޒާރު ދީފި އެވެ.
މިއަދު މުޒާހަރާގެ ބައިވެރިން ޗާނދަނީ މަގާއި ހިސާބުން ހިފެހެއްޓުމުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ވަނީ ހަމަނުޖެހުން ހިނގާފައި އެވެ. އިދިކޮޅު ފަރާތްތަކުން ފުލުހުންގެ ސަފުތައް ފޫއަޅުވާލާފައި ސާން މަސައްކަތް ކުރުމުން ފުލުހުން މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖެހި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދުގެ ހަމަ ނުޖެހުންތައް ފެންނަ ވީޑިއޯއެއް އާންމު ކުރައްވާފައި އެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކުން އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ މި ވީޑިއޯއިން ފެންނަ މަންޒަރުތަކަށް މުޒާހަރާ އިންތިޒާމް ކުރި ޕާޓީއަކުން ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.
https://twitter.com/ShareefRangondi/status/1360257087519956993
މިއަދު ކުރި މުޒާހަރާގެ ތެރެއިން ދެ ފުލުހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން އެކަކު ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މީގެ ކުރިން އިދިކޮޅުން ބޭއްވި އެންވުންތަކުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހަނދާން ކޮށްދީފައިވެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކޮށްފައިނުވާތީ އިދިކޮޅު ޕާޓީތަކުގެ ބައެއް ލީޑަރުން ޖޫރިމަނާ ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް