"މަގޭ ފްލެޓު ކޮބާ" މި ނަމުގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން މާލޭގައި މުޒާހަރާ ކޮށްފި އެވެ.
މުޒާހަރާ ފަށާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. މުޒާހަރާގެ ބައިވެރިންނަށް މާލޭގެ އެކި ސަރަހައްދުތަކުން ފުލުހުން ހުރަސް އަޅަމުން ގޮސް ޗާނދަނީ މަގާއި ހިސާބުން ވަނީ އެއްގޮތަަކަށްވެސް ނުދެވޭ ގޮތަށް ބަންދު ކޮށްފައި އެވެ.
އެ ސަރަހައްދުގައި މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާއި ދެމެދު ހަމަ ނުޖެހުން ހިނގުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ހިފައި ޕެޕާ ސްޕްރޭ ޖަހާފަ އެވެ. އެކަމަކު މިއަދުގެ މުޒާހަރާއިން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
މިއަދުގެ މުޒާހަރާގައި އިދިކޮޅު ލީޑަރުންނާއި ސަޕޯޓަރުންގެ އިތުރުން ފްލެޓު ލިބުނު ކަމުގެ ލިޔުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދޫކޮށްފައިވާ ގިނަ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެ އެވެ. އެ ފަރާތްތަކުން ވަނީ ކުރީ ސަރުކާރުން ފްލެޓު ލިބުނު ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުން މުޒާހަރާގެ ތެރޭގައި ހިފައިގެން އުޅެ ދައްކާފައި ވެ އެވެ.
އަދި ކުރިއެކޭ އެއްގޮތަށް ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތައް ގެންގުޅެފައިވެ އެވެ.
މިއަދުގެ މުޒާހަރާގައި ޗާނދަނީ މަގާއި ހިސާބުން ކުރިޔަށް ނުދެވުމުން މުޒާހަރާގެ ބައިވެރިން ވަނީ އަނބުރާ ޕީޕީއެމް އޮފީސް ސަރަހައްދަށް ގޮސްފައި އެވެ. އަދި އެ ސަރަހައްދުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވާހަކަ ދެއްކެވުމަށް ފަހު މުޒާހަރާ ވަނީ ނިންމާލާފައި އެވެ.
މުޒާހަރާ ނިންމާލީ އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ އޮންނާނެކަން އިއުލާނުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް