ކުރީގެ ރައީސް ޔާމީނާއި ޖާމިނުވާން ތައްޔާރު: އަދުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށްދެވޭނީ ބަލަދުވެރިއަކު ޒިންމާވާގޮތަށް ނަމަ އެ ޒިންމާ ނަގަން ތައްޔާރަށް ހުންނެވިކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އޭނާ...

12 Feb 2021 | 12:10

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކޮށްދެވޭނީ ބަލަދުވެރިއަކު ޒިންމާވާގޮތަށް ނަމަ އެ ޒިންމާ ނަގަން ތައްޔާރަށް ހުންނެވިކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން "މަގޭ ފްލެޓު ކޮބާ" ގެ ނަމުގައި ކުރަމުންދާ މުޒާހަރާގައި އެވެ. އަދުރޭ ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި ހުރި މީހަކަށް އެހެން މީހަކު ޖާމިނުވާގޮތަށް ޕާސްޕޯޓު ދޫކޮށް ރާއްޖެއިން ބޭރަށް ދެވޭނަމަ އެހެން މައްސަލަތަކުގައިވެސް އެ އުސޫލުން އަމަލު ކުރެވެންޖެހޭނެ ކަމަށެވެ.

އަދުރޭ އެ ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ދެކޮޅަށް ދައުލަތުން ޖިންސީ ގޯނާގެ މައްސަލަތަކެއްގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިން ވާހަކަ އެވެ. އަލީ ވަހީދު ފުރާފައިވާއިރު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޯޓުން އޭނާއަށް ޕާސްޕޯޓު ދޫކުރީ ދައުލަތުން އެދިގެން ނޫން ކަމަށާއި ކޯޓުން އެކަން ކޮށްފައިވަނީ ޑޮކްޓަރުގެ ލިޔުމަށް ބަލައި އައްސަދު އަލީ ޖާމިނުވާ ގޮތަށް ކަމަށެވެ.

އައްސަދު އަލީ އަކީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ.

އަދުރޭ މިއަދުގެ މުޒާހަރާގައި ވިދާޅުވީ ހަމަ އެ އުސޫލުން ރައީސް ޔާމީންގެ މައްސަލައިގަ އޭނާ ޖާމިނުވާން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި އެމަނިކުފާނަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ނިންމަން ޔާމީންގެ ބަދަލުގައި ޖަލުގައި އޮންނަވަން ދާން ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއާއި އިދިކޮޅުގެ އަބަދުގެ އުންމީދަކީ ރައީސް ޔާމީން ވީހާވެސް އަވަހަކަށް މިނިވަންވެ ރާއްޖޭގެ ވެރިކަމާއި އަލުން ހަވާލުވެވަޑައިގެންނެވުން ކަމަށެވެ.

މިއަދުގެ މުޒާހަރާ ޕީޕީއެމް އޮފިސް ކައިރިން ފަށައިގެން މަޖީދީ މަގުން ގޮސް ޗާނދަނީ މަގާއި ހިސާބުން ފުލުހުން ވަނީ ހުއްޓުވާފައި އެވެ. އެ ސަރަހައްދުގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ހަމަ ނުޖެހުން އުފެދުމުން ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށް ޕެޕާ ސްޕްރޭ ޖަހާފައިވެ އެވެ.

އެ ސަރަހައްދުން ކުރިޔަށް ނުދެވުމުން މުޒާހަރާގެ ބައިވެރިން ވަނީ އެނބުރި ޕީޕީއެމް އޮފީސް ސަރަހައްދަށް ގޮސްފައި އެވެ. މިއަދުގެ މުޒާހަރާ ނިންމާލީ އަންނަ ހުކުރު ދުވަހުވެސް މިފަދަ މުޒާހަރާއެއް ބާއްވާނެ ކަން އިއުލާނުކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް