މާދަމާއިން ފެށިގެން ފުވައްމުލަކު ސިޓީގައި ރޭގަނޑު ކާފިއު ހިންގަނީ

މާދަމާއިން ފެށިގެން ފުވައްމުލަކު ސިޓީގައި ރޭގަނޑު ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރެފައިވާ އެންގު...

12 Feb 2021 | 10:50

މާދަމާއިން ފެށިގެން ފުވައްމުލަކު ސިޓީގައި ރޭގަނޑު ކާފިއު ހިންގަން ފަށަން ނިންމައިފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން މިއަދު ނެރެފައިވާ އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން ރޭގަނޑު8:00 ން ފަތިހު4:00 އަށް ފުވައްމުލަކު ސިޓީގައި އެއްގަމު އުޅަނދު ދުއްވުމާއި އާންމު ތަންތަނަށް މީހުން ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށެވެ. އެންގުމުގައި ވާގޮތުން މާދަމާއިން ފެށިގެން އެ ސިޓީގައި ޕާޓީ ތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަކީ މަނާ ކަމެކެވެ.

ކާފިއު ނުހިންގާ ވަގުތުތަކުގައި އާންމުތަންތަނުގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއްކޮށް އުޅުން ވަނީ މަނާކޮށްފައި އެވެ. ސިއްހީ ފަރުވާ އާއި ޒަރޫރީ ބޭނުމެއްގައި ނުނީ އެއްގެއިން އަނެއް ގެޔަށް ދިއުމާއި މަގުމައްޗަށް ނުކުމެ ނޫޅުމަށް އަންގާފައިވެއެވެ.

އަދި އެއް އަވަށުން އަނެއް އަވަށަށް ދިޔުން ވަނީ މަނާކޮށްފައި އެވެ.

މީގެ އިތުރުން ޔުނިވާސިޓީ، ކޮލެޖު އަދި ސްކޫލްތަކަށް ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދިނުން ހުއްޓާލުމަށް އަންގާފައިވެ އެވެ. އެޗްޕީއޭގެ އެންގުމާއި އެކު މާދަމާއިން ފެށިގެން އެ ސިޓީގެ ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދުކޮށް ކުޅިވަރު ހަރާކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައި އެވެ.

ކެފޭ ރެސްޓޯރެންޓުތަކުގައި ހިދުމަތް ދިނުން ހުއްޓާލައި ހަމައެކަނި ޑެލިވެރީގެ ހިދުމަތް އެތަންތަނުން ދިނުމަށް އަންގާފައިވެ އެވެ. އެޗްޕީއޭގެ އެންގުމުގައި ބުނެފައިވާ ގޮތުގައި އާންމު ދަތުރުފަތުރުގެ ދަތުރުފަތުރާއި ޓެކްސީގެ ހިދުމަތް ދޭންވާނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށެވެ.

މި ފިޔަވަޅު އަޅާފައިވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުންނެވެ. އެ އެންގުމުގައި ވާގޮތުން ފުވައްމުލަކު ސިޓީގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ މި ފިޔަވަޅުތައް އަޅާފައިވަނީ ކުރިޔަށް އޮތް ހަތް ދުވަހުގެ މުއްދަތަށެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް އެޗްޕީއޭއިން ވަނީ އަންގާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް