ކޯވިޑް ވެކްސިން ޖަހައިދިން އަދަދުތައް: ފެނިގެންދަނީ އަންހެނުންގެ ކުޅަދާނަކަން!

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށިތާ އަދި މިއީ 12 ވަނަ ދުވަހެވެ. ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ މި ވެ...

12 Feb 2021 | 09:56

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ދޭން ފެށިތާ އަދި މިއީ 12 ވަނަ ދުވަހެވެ.

ރާއްޖޭގައި ޖަހަމުންދަނީ ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި އަދި ބޭނުން ކުރަމުންދަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ މި ވެކްސިންގެ 100،000 ޑޯޒެވެ.

މިފަހަރު ދައްކަން މިއުޅެނީ ރާއްޖޭގައި ޖަހާ ވެކްސިންގެ ބްރޭންޑާއި ވެކްސިންގެ މޮޅުވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ އެންމެ 11 ދުވަސް ތެރޭގައި ވެކްސިން ޖެހި މީހުންގެ އަދަދާއި އެކަން ކުރަން ތިބި ބައެއްގެ ކުޅަދާނަ ކަމުގެ ވާހަކަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖޭގައި 25،327 މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. ކޮންމެ ދުވަހަކު ވެކްސިން ޖަހާ އަދަދު އިތުރު ކުރަމުން ދާއިރު އިއްޔެ އެކަނި ރާއްޖޭގައި ކޯވިޑް ވެކްސިން ދޭން ގާއިމްކޮށްފައިވާ ސެންޓަރުތަކުގައި ޖުމްލަ 5،166 މީހަކަށް ވެކްސިން ޖައިދީފައިވެ އެވެ.

މި އަދަދު ތަކަކީ ބައެއްގެ ކުޅަދާނަ ކަމާއި މަސައްކަތްތެރިކަމުގެ މިސާލެކެވެ. ރާއްޖޭގެ ކޯވިޑް ވެކްސިން ސެންޓަރުތަކުގައި ވެކްސިން ދޭން ތިބޭ ހުރިހާ ސިއްހީ ހިދުމަތްތެރިން އަދި ނަރުހުންނަކީ އަންހެނުންނެވެ.

މިކަން ފަހަގަކޮށްލަން ހިޔާލަށް އައީ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްގެ ޗެއާމަން ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓަކުންނެވެ. ކޯވިޑް ވެކްސިންގެ ތަފާސް ހިސާބުތަކެއް އާންމު ކުރައްވާ ޑރ. ފައިސަލް ވިދާޅުވީ ސައިންސްގެ ދުނިޔޭގައި ރާއްޖޭގެ އަންހެން ވެރިން ކުރަމުންދާ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ކިޔަން ޖެހޭ ކަމަށެވެ.

ޑރ. ފައިސަލް ވިދާޅުވީ ކޯވިޑްގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް ރާއްޖޭގައި 20،000 އަށްވުރެ ގިނަ ކޮނޑަށް ވެކްސިން ޖަހައިދީފި ކަމަށެވެ. އަދި އެއީ އަންހެން ވެރިންގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

އަންހެނުނ ކުރަމުންދާ މި ބުރާ މަސައްކަތް ޑރ. ފައިސަލް ފާހަގަ ކުރައްވާފައިވަނީ އިއްޔެ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރި އަންހެނުންނާއި އަންހެން ކުދިން ސައިންސް ގައި ދުވަހާއި ގުޅުވައިގެން ނެވެ.

https://twitter.com/Faisalnaifaru/status/1359724348458733571

މިއީ ފާހަގަ ކޮށް ބަލައިގެންނަން ޖެހޭ ބުރާ މަސައްކަތެކެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ އަދަދަށްވުރެ ވެކްސިން ޖެހި އަދަދު ވަނީ 10 ދުވަސް ތެރޭގައި އިތުރުވެފައި އެވެ. މިހާތަނަށް ރާއްޖޭގައި ކޯވިޑް ޖެހިފައިވަނީ 17،387 މީހުންނަށެވެ.

ރާއްޖޭގައި ވެކްސިން ޖެހުމަށް އާންމުންގެ މެދުގައި އުފެދިފައިވާ ޝައުގުވެރިކަމަކީވެސް ފާހަގަ ކުރަން ޖެހޭ ކަމެކެވެ. ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް ސިއްހީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް އައްސަރިބަހާއި ސާބަސް ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް