ކޮންމެ އަހަރެއްގެ ފެބްރުއަރީ، މާޗް އަދި އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ.
ފަހުގެ އަހަރުތަކަށް ބަލާއިރު 2017 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ހޫނު ގަދަވުން އެއް އަހަރަށްވުރެ އަނެއް އަހަރު އިތުރުވެ އެވެ. ދުނިޔޭގެ ފިނިހޫނު މިނަށް އަންނަ މި ބަދަލާއި އެކު ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެތީ ގިނައިން ދިޔާ އެއްޗެހި ބުއިމަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުން އިރުޝާދު އެވެ.
ހޫނު މޫސުމާއި ދިމާކޮށް ކޮންމެ އަހަރެއްގައި ދިމާވާ އިތުރު މައްސަލައަކާއި ގުޅޭ މައުލޫމާތު މެޓް އޮފީހުން ވަނީ އާންމުންގެ މައުލޫމާތަށްޓަކައި ހިއްސާ ކޮށްފައި އެވެ. މެޓް އޮފީހުން ބުނީ ކޮންމެ އަހަރެއްގެ ހުޅަނގު މޫސުން ނިމުމާއި ދިމާކޮށް ހާއްސަކޮށް ރާއްޖޭގެވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވާނެ ކަމަށެވެ.
މި މައްސަލަ ބޮޑަށް ކުރިމަތިވަނީ އުތުރާއި މެދުރާއްޖެ ތެރެއަށެވެ.
އެހެން ދިމާވަނީ ހުޅަނގު މޫސުން ނިމި އިރު މައްޗަށް ވައި ބަދަލުވުމުން ހިމާލަޔަން ސަރަހައްދުން ހިރަފުހާއި ދުން ވަޔާއި އެކުވެގެން ދަތުރު ކުރަން ފަށާތީ އެވެ. އަދި އެ ވައި ބޭ އޮފް ބެންގަލް ހުރަސްކޮށް ރާއްޖެއާއި ހަމައަށް ފޯރާތީ ކަމަށް މެޓް އޮފީހުން ބުނެ އެވެ.
މި މައްސަލަ ރާއްޖެއަށް ކުރިމަތިވަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން މާޗް މަހުގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ ހިރަފުހާއި ދުން ވައިގެ ތެރޭގައި އެކުވާއިރު އޭގެ ތެރޭގައި އެއްގަމު އުޅަނދުން ދޫކުރާ ދުން ހިމެނޭ ކަމަށެވެ. ވައި ނުސާފުވުމާއި ދުރު ފެންނަ މިންވަރު ދަށްވުމުން ރާއްޖޭގެ މާހައުލަށް އަންނަ ބަދަލުތައް ދެނެގަތުމަށް ހދ. ހަނިމާދޫގައި ހުންނަ މެޓް އޮފީހުން ދަނީ ދިރާސާތަކެއް ކުރަމުންނެވެ.
މި މައްސަލަ އާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ އަބްދުﷲ ނިޔާފް ވިދާޅުވެފައިވަނީ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވުމުން ދިމާވާ ސިއްހީ މައްސަލަތަކާއި ގުޅޭ މައުލޫމާތި އެނގިވަޑައި ނުގެންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް