ސަރުކާރުގެ ފަރާތުން މި އަހަރުގެ ރައްޔިތުންގެ މަޖިލީހަށް 33 ބިލެއް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
އޭޖީ އޮފީހުން ވަނީ އެ ބިލުތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ އަލަށް އެކުލަވާލާފައިވާ 15 ބިލަކާއި 16 ގާނޫނަކަށް އިސްލާހު ގެނައުމެވެ.
އޭޖީ އޮފީހުން ގާނޫނަކަށް ހަދަން އަލަށް އެކުލަވާލާފައިވާ ބިލްތަކުގެ ތެރޭގައި ކޯވިޑް ވެކްސިން ދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމުގެ ބިލް، އަބުރާ ބެހުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލް، ހެއްކާ ބެހޭ ބިލް، ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް ހިމެނެ އެވެ. ދެން ހުށަހަޅާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ އުފެއްދުމުގެ ބިލް، ފޮރިން އިންވެސްޓްމެންޓުގެ ބިލެވެ.
މީގެ އިތުރުން މި ދައުރުގައި އަލަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު، ނަފްސާނީ ސިއްހަތާ ބެހޭ ބިލު، ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކުރުމާ ގުޅޭ ގާނޫނެއް އުފެއްދުމަށް ހުށަހަޅާ ބިލު ހިމެނެ އެވެ.
މިހާރު އަމަލުކުރަމުންދާ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަން ނިންމާފައިވަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާއި، ޕެންޝަނާ ބެހޭ ގާނޫނާއި، ކޯޓުތަކުގެ ގާނޫނާއި، ފަނޑިޔާރުންގެ ގާނޫނަށެވެ. އަދި ގާނޫނީ ފަންނުގެ ގާނޫނާއި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ނިންމާފައިވެ އެވެ.
އިސްލާހު ގެންނަން ހުށަހަޅާ އިތުރު ގާނޫނުތަކުގެ ތެރޭގައި އިންތިގާލީ އިންސާފުގެ ގާނޫނާއި، ކުޅިވަރުގެ ގާނޫނު ހިމެނެ އެވެ.
ދެ ގާނޫނެއް އުވާލުމުގެ ބިލު ހުށަހަޅަންވެސް ސަރުކާރުން ނިންމާފައިވެ އެވެ. އެއީ ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނާއި، އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް