ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިންޑިއާގެ ހައިދަރްއާބާދާއި ދެމެދު ސީދާ ދަތުރުތައް ފަށައިފި އެވެ.
މި ދަތުރުތައް ކުރަނީ އިންޑިއާގެ އެއާލައިނެއް ކަމަށްވާ ގޯއެއާ އިންނެވެ. ރާއްޖެ އާއި ހައިދަރްއާބާދާއި ދެމެދު ސީދާ ދަތުރުތައް ފެށީ އިއްޔެ އެވެ.
އެ އެއާލައިނުން ބުނެފައިވާ ގޮތުގައި ހަފްތާއަކު ހަތަރު ދަތުރު ހައިދަރްއާބާދުން ރާއްޖެއަށް ކުރާނެ އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޖީއެމްއާރުން ހިންގާ ހައިދަރްއާބާދުގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
މި ދަތުރުތައް ފެށުމަށް އެ އެއާޕޯޓުގައިވެސް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައި އެވެ.
ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ ޓްރެވަލް ބަބުލް އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެއާލައިންތަކުން ދަނީ ހައިދަރްއާބާދުގެ އިތުރުން އެހެން ހަތަރު ސިޓީއަކާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ކުރަމުންނެވެ. އެއީ މުމްބާއީ، ބެންގަލޫރު އަދި ކޮޗިންގެ އިތުރުން ނިއުދިއްލީ އެވެ.
އިންޑިއާގެ އިތުރު ސިޓީއަކުން ރާއްޖެއަށް ދަތުރުފެށުމަކީ ރާއްޖެ އަންނަ އިންޑިއާ ޓޫރިސްޓުން އިތުރުވުމަށް ހުޅުވުނު ދޮރެކެވެ. އިންޑިއާ އަކީ ރާއްޖެއަށް ދެ ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެކެވެ.
އެގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން 26،292 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ 21.6 ޕަސެންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް