މިނިސްޓަރ އޮފް ހޯމް އެފެއާރޒް ތިނަދޫ ޕޮލިސް ސްޓޭޝަނަށް އިއްޔެ ޒިޔާރަތް ކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ތިނަދޫއަށް ވަޑައިގެން އެރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި ފުލުހުންނާ ބައްދަލުކު...

12 Feb 2017 | 13:03

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދު ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ތިނަދޫއަށް ވަޑައިގެން އެރަށު ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ހަވީރު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކޮށް ފުލުހުންނާ ބައްދަލުކުރައްވައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގައި ފަސްނުޖެހުމަށާއި މަސައްކަތްކުރުމުގައި ޕްރޮފެޝަނަލްކަމާއެކު މަސައްކަތްކުރުމަށް މިނިސްޓަރ އެދި ވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައި ދެއްވުމަށާއި ފުލުހުންގެ ވެލްފެއަރ ކަންކަން މިހާރަށްވުރެ ހަރުދަނާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވައި ފުލުހުންނާ ބައްދަލުކުރެއްވިކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވެ ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުގެ އިތުރުން އަޕަރ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް އާއި ގދ. އަތޮޅު ކޮމާންޑަރާއި ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ އިންޗާޖްއާއި އެސްޓޭޝަނުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ތިނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއަރޒްވަނީ ގދ. ތިނަދޫއަށް ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް