މަޖުބޫރުކޮށްގެން ޕާޓީއަށް ސޮއި ކުރުވުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް-މަޢުމޫން ފެކްޝަން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގަމުންދާ ހަރަކާތްތަކަކީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤ...

12 Feb 2017 | 11:23

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނަމުގައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގަމުންދާ ހަރަކާތްތަކަކީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމަށް އެނގިވަޑައިގެން ހިންގަވާ ހަރަކާތްތަކެއް ނޫން ކަމަށް އެޕާޓީގެ މައުމޫން ފެކްޝަނުން ބުނެފިއެވެ.

ޕީޕީއެމްގެ މައުމޫން ފެކްޝަންއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަޖުބޫރު ކޮށްގެން ޕާޓީއަށް ސޮއި ކުރުވުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށާއި ސިޔާސީ ޕާޓީއަށް ސޮއި ކުރުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ އިޚްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ.

އެބާޔުނުގައި ބުނެފައިވަނީ ކޮންމެ މީހަކުވެސް ސިޔާސީ ޕާޓީއަކާއި ގުޅެންވާނީ އަމިއްލަ އިޚްތިޔާރުގައި ފުރިހަމަ މިނިވަންކަމާއި އެކުގައި، އެއްވެސް ބިރެއް ނުވަތަ ނުފޫޒެއް ނެތި ކަމަށެވެ.

މީގެއިތުރުން މިހާރަކަށް އައިސް ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމުގެ ނަމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމް އަށް ވަނުމަށް މަޖުބޫރުކޮށް، ޕީޕީއެމް އަށް ސޮއި ކުރުވަމުންދާ ކަމުގެ އެތައް ޝަކުވާއެއް ލިބިމުންދާ ކަމަށާއި މިހާރުވެސް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ގިނަ މެންބަރުން ލައްވާ ދެވަނަ ފަހަރަށް ސޮއި ކުރުވާ ކަމުގެ ޝަކުވާތަށް ވެސް ލިބެމުންދާ ކަމަށް އެބަޔާނުގައި ވެއެވެ.

މައުމޫނު ފެކްޝަން އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެފަދައިން ކަންތައް ކުރުމަކީ ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކަމަށެވެ. އަދި ޕީޕީއެމް ގެ ނަމުގައި އެކަން ކުރަމުންދާ ބަޔަކު އެކަން އެގޮތަށް ނުކުރުމަށް ޕީޕީއެމް މައުމޫން ފެކްޝަން އިން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން ޕީ.ޕީ.އެމް ގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ސީދާ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާ ކަމަށާއި އެގޮތުން ސަރުކާރުގެ ސްކޫލްތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވަފީޒާގެ ނުފޫޒުގައި ޕާޓީގެ އެކިއެކި ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބޭނުން ކުރުމަކީ އެޕާޓީގެ އުސޫލުތަކާއި ޚިލާފު ކަމެއްކަމުގައިވެސް ބުނެފައިވެއެވެ. އަދި މިގޮތަށް ސަރުކާރުގެ ޢިމާރާތްތަކާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުން ކުރުމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އަދި ކުންފުނިތަކުގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ ދާއިރާ ގެ ވެރިން ގެ އިޙުމާލު ވަރަށް ބޮޑަށް އޮތްކަން މިބަޔާނުގައި ޕީޕީއެމް މައުމޫން ފެކްޝަނުންވަނީ ފާހަގަ ކުރައްވާފައެވެ.

"ޕީޕީއެމްއަށް ނިސްބަތްވާ ގޮތަށް މިކަހަލަ ބޮޑެތި ތުހުމަތުތައް ކުރުމުގެ ފުރުސަތު ދީފާވާތީ މިކަން ކުއްވެރި ކުރަން" މައުމޫން ފެކްޝަނުން ނެރުނު ބަޔާނުގައި ވެއެވެ.

އެކަންތައް އެފަރާތްތަކުން ކުރަނީ ޕާޓީގެ އަގު ވައްޓާލުމަށް ކަމަށާއި ޕާޓީގައި ހެދިފައިވާ ޤަވައިދާއި އުސޫލުތަކާއި ޚިލާފަށް ކަމުގައިވެސް ޕީޕީއެމް މައުމޫން ފެކްޝަނުންވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް