މެންބަރުން އިތުރު ކުރުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެކްޝަނުން ހިންގާ ހަރަކާތްތަކުގެ ދަށުން އިއްޔެ އެކަނިވެސް އެޕަޓީ އާއި 11،000 މީހުން ގުޅިއްޖެ އެވެ.
މި ހަރަކާތް ލީޑު ކުރައްވަނީ މެޑަމް ފާތްމަތު އިބްރާހީމެވެ. މި ހަރަކާތުގައި އިސްކޮށް އުޅުއްވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ޕީޕީއެމް ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެކްޓިވިސްޓުންނެވެ.
މި ހަރަކާތް އިއްޔެ ކުރިޔަށް ގެންގޮސްފައިވަނީ ތާޖުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލްގައި ގްރޫޕުތަކުން ގާއިމްވެ ތިބެގެންނެވެ. އިއްޔެ ޕީޕީއެމްއާއި އަލަށް ގުޅުނު މީހުންގެ ފޯމު ހަވާލު ކުރީ މެޑަމް ފާތްމަތު އުބްރާހީމް އާއި އެވެ.
އަލަށް ގުޅުނު މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ އެމްޑިޕީގެ މެންބަރުން ކަމަށް އެ ޓީމުން ބުނެ އެވެ. މިދިޔަ ހަފްތާގައިވެސް ވަނީ އައްޑޫ ސިޓީގެ 700 އެއްހާ މީހުން ޕީޕީއެމްއަށް ސޮއިކޮށްފައި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޕީޕީއެމްއަށް އަލަށް ގުޅޭ ފަރާތްތަކަށް ދަނީ ފައިސާގެ އެހީ އާއި ބޭރުގައުމުތަކަށް ދިއުމުގެ ދަތުރު ހަރަދު ދެމުންނެވެ. އެމްޑީޕީގެ ވެރިކަމުގައިވެސް އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް މިގޮތަށް ފައިސާ ދީގެން ސޮއި ކުރުވި ކަމަށް މައުލޫމާތު ލިބެ އެވެ.
ދުވަހަށް މައުލޫމާތުދިން ބައެއް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބުނީ ޕީޕިއެމްއަށް ސޮއި ކުރަނީ ވަޒީފާގައި އުޅެން ބޭނުންވާތީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
ޕީޕީއެމް އަކީ 35،000 މެންބަރުންނާއި އެކު މިހާރު އޮތް އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް