ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ތިލަފުށި ފަޅަށް ކުނި ނޭޅުމަށް ތަކުރާރުކޮށް އެންގުމުން އެކަން އިސްލާހު ކޮށްފައި ނުވާތީ 1.1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ ވެމްކޯގެ ކުނި އުފުލާ އުޅަނދުތަކުން ތިލަފުށި ފަޅާއި މޫދަށް ކުނި އަޅާފައިވާތީ މޫދަށް ކުނި ނޭޅޭނެ ގޮތަކަށް އަމަލު ކުރުމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. އީޕީއޭއިން ބުނީ ވެމްކޯ ޖޫރިމަނާ ކުރީ އެ އެންގުންތަކަށް އަމަލު ކޮށްފައި ނުވާތީ އެ ކުންފުންޏަށް އަޅާ އިސްލާހީ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
އީޕީއޭއިން ވެމްކޯ ޖޫރިމަނާ ކުރީ ތިމާވެއްޓާއި ބެހޭ ގާނޫނުގެ 4/93 ގެ ދަށުން ހަދާފައިވާ ކުނި މެނޭޖް ކުރުމާއި ބެހޭ ގަވައިދުގެ ހަތަރު ވަނަ އިސްލާހުގެ ޖަދުވަލު ލ. ގެ ދަށުންނެވެ. އަދި ތިމާވެއްޓަށް ދޭ ގެންލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުންނެވެ.
މި މައްސަލައިގަ އެ ކުންފުނި ޖޫރިމަނާ ކޮށްފައިވަނީ އިއްޔެ އެވެ. މި ފައިސާ އަނބުރާދައްކަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
މިދިޔަ އަހަރު ފަހުކޮޅުވެސް އީޕީއޭއިން ވަނީ ތިމާވެއްޓަށް ގެންލުންދޭ މައްސަލަތަކެއްގައި ބައެއް ތަންތަން ޖޫރިމަނާ ކޮށްފައި އެވެ.
އޭގެ ތެރޭގައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏާއި ފެނަކަ ކޯޕަރެޝަން އަދި ނ. މަނަދޫ ކައުންސިލް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް