ރޭ އަލިފާން ރޯވެފައިވަނީ ކ. އަތޮޅުގައި ހިންގާ ވަރު އައިލެންޑް ރިސޯޓުގެ ވަޑާން ގޭގައި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މި އަލިފާނުގެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއަށް ކުރީ ރޭ ދަންވަރު 2:48 ހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ނިއްވާލެވުވީ އެމްއެންޑީއެފް ފަޔާމަނުންނާއި ވަރު ރިސޯޓާއި، ރީތިރަށް ރިސޯޓުގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން ފަތިހު 5:39 ހާއިރު އެވެ.
މި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ރޭ އެންމެ ފުރަތަމަ އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ރިސޯޓުގެ ރާ ގުދަނުގައި ކަމަށެވެ. އެކަމަކު މިއަދު އެމްއެންޑީއެފުން ބުނީ އެ މައުލޫމާތަކީ ސިފައިން އެ ރަށަށް ދިއުމުގެ ކުރިން ލިބުނު މައުލޫމާތެއް ކަމަށާއި ފަހުން ގޮސް ރަނގަޅަށް މައުލޫމާތު ސާފު ކުރި އިރު ފުރަތަމަ އަލިފާން ރޯވެފައިވަނީ ވަޑާން ގޭގައި ކަން އެނގިފައިވާ ކަމަށެވެ.
މި ހާދިސާގައި ވަޑާންގޭގެ އިތުރުން އެތަނާއި އިންވެގެން ހުރި ސްޓާފް ކުއާޓާގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވެއެވެ. އެކަމަކު އެ ސަރަހައްދުގައި ދެން ހުރި ތިން ގުދަނަށް މި އަލިފާނުގެ ސަބަބުން އެއްވެސްގެއްލުމެއް ވެފައެއް ނުވެ އެވެ.
އަދި މިހާދިސާގައި އެއްވެސް މީހަކަށްވެސް ގެއްލުމެއް ނުވެ އެވެ.
މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެމްއެންޑީއެފުން ދަނީ ބަލަމުންނެވެ.
މި ފަހަކަށް އައިސް ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާ ހިނގުން ވަނީ އިތުރުވެފައި އެވެ. އެގޮތުން މިދިޔަ ހަފްތާގައި އޮޅުވެލި ބީޗު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ދެ ގެސްޓު ކޮޓަރި ވަނީ ބޭރުން ނުކުރެވޭވަރަށް އަނދާ ހުލިވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް