ލ. ފޮނަދޫގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބަލަން 100 އަށްވުރެ ގިނަ ރެންޑަމް ސާމްޕަލް ނަގަން ފަށައިފި އެވެ.
އެ ރަށުގައި ރެންޑަމް ސާމްޕަލް ނަގަން ނިންމާފައި މިވަނީ ހަތަރު މީހަކު ކޯވިޑަށް ޕޮސިޓިވްވުމުންނެވެ. އެ ހަތަރު މީހުންނަކީ މިދިޔަ ސްކޫލް ބަންދު ތެރޭގައި ގއ. ދެއްވަދޫއަށް ދަތުރުކޮށްފައިވާ ބަޔަކަށް ވާތީ އެޗްއީއޯސީން ނިންމާފައިވަނީ އެއީ އެ ކްލަސްޓާ އާއި ގުޅުން ހުރި ކޭސްތަކެއްގެ ގޮތުގައި އެވެ.
ފޮނަދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ އެ ރަށުން 125 ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ސާމްޕަލްތައް ނެގުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ހަތް ދާއިރާއަކުންނެވެ.
އޭގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުން 75 ސާމްޕަލް، ޓެކްސީ ޑްރައިވަރުންގެ ތެރެއިން ފަސް ސާމްޕަލް، އޮޑިދޯނި ފަހަރުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ތިން ސާމްޕަލް، ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 15 ސާމްޕަލް، ފިހާރަތަކުން 10 ސާމްޕަލް އަދި ކެފޭ ރެސްޓޯރެންޓުތަކުން ހަތް ސާމްޕަލާއި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 10 ސާމްޕަލެވެ.
ފޮނަދޫއިން ކޯވިޑަށް ޕޮސިޓިވްވި ހަތަރު މީހުންނާއި ގުޅުން ހުރި މީހުން މިހާރު ވަނީ ދެނެގަނެފައި އެވެ. އަދި އެމީހުންނާއި ގުޅުން ހުރި 18 ގެއެއް ކަރަންޓީންކޮށްފައިވެ އެވެ.
ފޮނަދޫއިން ފެނުނު ކޭސްތަކާއި ގުޅިގެން އެޗްއީއޯސީން ވަނީ އެ ރަށާއި އެއްފަސްކޮށް އޮންނަ ލ. ގަންވެސް މޮނިޓަރިންއަށް ލާފައި އެވެ. އެކަމަކު އެ ރަށުން އަދި ކޯވިޑްގެ ކޭސްއެއް ފެނިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް