މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ފަށައި، އަންނަނީ ކުރަމުން: އެމްޑަބްލިއުއެސްސީ

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ މި މަސައްކަތް ކުރަމުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފި އެވެ. އެ ކުންފުނިން ބުނީ މިމަޝްރޫޢޫގެ ފެނުގ...

11 Dec 2020 | 08:56

ނ. މާޅެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ މި މަސައްކަތް ކުރަމުން ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިމަޝްރޫޢޫގެ ފެނުގެ ނިޒާމްގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ 25 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށެވެ. އަދި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ މާޅެންދޫއަށް ގެންދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ނަރުދަމާ ނިޒާމުގެ ހޮޅި ވަޅުލުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 11.7 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 250 ޓަނުގެ 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދެވިގެންދާނެ އެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން މާޅެންދޫގައި 7.9 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 1 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި ނަރުދަމާގެ އިދާރީ ބިލިޑިންގ އިމާރާތް ކުރުމާއި، 2 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މާޅެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުއަށް 42,975,350.00 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ނިމުމުން މާޅެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް