ޝައިތާނާއަށް ވެގެންވާނަމަ ހުރިހާ މުސްލިމުން ނަމާދާ ދުރުކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
ޚުތުބާގައި ބުނީ ޝައިތާނާ، މުސްލިމުން ނަމާދާ ދުރުކުރުވުމަށްޓަކައި ވަރަށް ގިނަ ހީލަތްތަކާއި މަކަރު ހަދައި، ދުނިޔެ ރަންކޮށް ދައްކާ ކަމަށެވެ. އަދި ޝަހާދަތުގެ ދެކަލިމައަށްފަހު އަދާކުރަން ޖެހޭ އެންމެ މުހިއްމު ވާޖިބަކީ، ފަރުޟު ފަސް ނަމާދު އެ ނަމާދު ތަކުގެ ވަގުތުގައި އަދާކުރުން ކަމަށެވެ.
އެ ނަމާދުތަކަށް ރައްކާތެރިވެއްޖެ ނަމަ އަމާންކަމުގެ ބައްރަކަށް ވާސިލު ވެވުނީ ކަމަށާއި ދެދުނިޔޭގެ ފަލާހާއި ކާމިޔާބު ލިބުނީ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ. އަދި ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ހިސާބު ބައްލަވާނޭ އަމަލު ކަމުގައި ވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފަ އެވެ.
މީގެ އިތުރުން ނަމާދަކީ ކަނޑައެޅިފައިވާ ވަގުތުތަކެއްގައި އަދާކުރުމަށް މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައިވާ އަޅުކަމެއް ކަމަށާއި ރަށުގައި ޤާއިމުވެ ހުންނަ މީހާގެ މައްޗަށާއި ދަތުރުވެރިޔާގެ މައްޗަށާއި ބަލިމަޑުކަމުގައިވާ މީހާގެ މައްޗަށް ވެސް ފަރުޟު ކުރައްވާފައި ވާ އަޅުކަމެއް ކަމުގައި ޚުތުބާގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
"ނަމާދަކީ ދީނުގެ ތަނބު" މި މައުޟޫއަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ މިއަދު މިސްކިތްތައް ވަރަށް ގިނަ ކަމަށާއި ބާޒާރުމަތީގައްޔާއި ކުޅިވަރު ދަނޑުތައް ކައިރީގައްޔާއި އަތިރިމައްޗާއި ކައިރި ހިސާބުތަކުގައި މިސްކިތްތައް އެބަހުރި ކަމަށެވެ. އަދި މަގުތައް ވަނީ ހިނގާބިނގާވެ އުޅޭ މީހުންނަށް މިސްކިތަށް ދިއުމަށް އަމާން ވެފައި ކަމަށެވެ.
ނަމާދު ވަގުތުތަކުގައި ޓީވީތަކާއި ރޭޑިއޯތަކުން ބަންގި ގޮވައި ނަމާދު ކުރުމަށް ހަނދާން ކޮށްދޭ ކަމަށާއި އެހެންނަމަވެސް އެކިކަންކަމުގައި މަޝްޣޫލުވެ، ނަމާދު އަޅާ މީހުން މަދު ނޫން ކަމުގައި ވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް