'ދަ ކަޕިލް ޝަރުމާ ޝޯވ" އަކީ އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ޝޯވ އެކެވެ.
އެއީ ހަމައެކަނި އެ ޝޯވ ހުށަހަޅައިދޭ ކަޕިލް ޝަރުމާ ނުވަތަ ކައްޕޫގެ ސަބަބަކުން ނޫނެވެ. އެ ޝޯވ ގައި ހިމެނޭ ކޮންމެ ކެރެކްޓަރއެއް ވެސް ހުށަހަޅައިދިނުމުގައި ކުޅަދާނަވުމުން ނެވެ. ފަންނުވެރިވީމަ އެވެ.
އެހެންނަނަމަވެސް، އެ ޝޯވގެ އެންމެ ގިނަ ބަޔަކު ހެއްވާލާ އެއް ކެރެކްޓަރގައި ހަރަކާތްތެރިވާ ބާރްތީ ސިންގ މަސްތުވާތަކެތީގެ މައްސަލައެއްގައި ކޯޓަށް ގެންދިޔަ ހިސާބުން، އެ ޝޯވ އިން ބާރްތީގެ ކެރެކްޓަރ ވަނީ ކަނޑާލާފަ އެވެ. ނުވަތަ މިވަގުތަށް ގެނެސްދިނުން ހުއްޓާލާފައެވެ.
މިކަމުގެ ސަބަބުން އެންމެބޮޑު އަސަރެއް ކުރާނެ އެއްފަރާތަކީ ބެލުންތެރިންގެ އިތުރުން އެ ޝޯވ ހުށަހަޅައިދޭ ކަޕިލް ޝަރުމާ އެވެ. އެއީ ބާރްތީ މި ހިސާބަށް ގެނެސްދިނުމުގައިވެސް ކަޕިލްއަކީ އޭނާއަށް އެންމެބޮޑަށް އެހީތެރިކަން ދިން ފަރާތްކަމަށްވާތީ އެވެ.
މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތުގައި ބާރްތީއާއި ފިރިމީހާ ހަރްޝް ކޯޓަށް ގެންދިއުމުން އެތަކެއްޗަކީ އަމިއްލަ ބޭނުމަށް ގެންގުޅޭ ތަކެތިކަމަށް ބުނުމުންނާއި އެމީހުންގެ އަތުން ފެނުނު ޢަދަދަކީ މަދު ޢަދަދެއް ކަމަށްވާތީ، ކަފާލާތުގެ ދަށުން އެ ދެމަފިރިން ވަނީ ދޫކޮށްލާފަ އެވެ.
ނަމަވެސް ޝޯވ އިން ބާރްތީ އަށް ފުރުސަތު ގެއްލުނީ ގަވާޢިދުގައިވާ ގޮތުން އެފަދަ މައްސަލައެއްގައި ހުންނަ ފަރާތަކަށް ޝޯވ ތަކުގައި އަދި ފިލްމުތަކުން ދެއްކުން މަނާވާތީ އެވެ.
އިންޑިއާގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ބާރްތީ އޭނާގެ ކުށަށް އިޢުތުރާފްވެ، އަދި ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާތީ، ކަޕިލް އަންނަނީ އޭނާގެ ޝޯވގައި ބާރްތީ ބައިވެރިކުރުމަށް ކުރެވެން އޮތް ހުރިހައި މަސައްކަތެއް ކުރަމުން ނެވެ.
އެގޮތުން ޝޯވ ގެ ޕްރޮޑިއުސަރ ސަލްމާން ޚާން އާވެސް ވާހަކަ ދައްކާފައިވާކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ނަމަވެސް ސަލްމާން އެކަމާ ދެކޮޅު ހަދަމުން އަންނަކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.
އެހެންކަމުން އުފެދޭ ސުވާލަކީ ބާރްތީ އާ ނުލައި ދަ ކަޕިލް ޝަރުމާ ޝޯވ "ކަޕިލް ޝަރުމާ" ކުރިއަށް ގެންގޮސްދާނެ ބާއެވެ.؟
އަހަރުމެން މިތިބީ ވާނުވާ ބަލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް