އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކަމާއެކު މި ސަރުކާރަކަށް ނުބެލޭނެ: ޢަބްދުއްރަހީމް

އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކަމާއެކު މި ސަރުކާރަކަށް ނުބެލޭނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށާއި ސަރުކާރަށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބަހުގ...

11 Dec 2020 | 03:12

އެމްއެމްޕީއާރްސީގެ މައްސަލަ އިންސާފުވެރިކަމާއެކު މި ސަރުކާރަކަށް ނުބެލޭނެކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށާއި ސަރުކާރަށް، އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބަހުގެ ވަރުގަދަ ޙަމަލާތަކެއް ދީފި އެވެ.

އެ ކޯލިޝަން ހިންގެވުމާއި ޙަވާލުވެހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ މިމައްސަލައިގާ އެތައް ސަތޭކަބަޔަކު ބައިވެރިވާ ކަމަށް ބުނެ "ޒީރޯ ޓޮލަރެންސް" ގެ ނަންބޯޑުގައި ވެރިކަމަށް އައިމީހުންނަށް އަދާއިހަމަޔަށްވެސް މިމައްސަލައިގެ ފުނަށް ދެވިފައިނުވުމަކީ މިކަމުގެ އިޚްލާސްތެރިކަން ނިކަން ރަނގަޅަށް ހާމަވާކަމެއް ކަމަށެވެ.

"އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއެރުވާލައި، އިޚުލާސްތެރިކަމާއެކު އެކަން ބަލަން ފަށައި އިންސާފު ޤާއިމް ކުރުމަށް ރައީސް ޔާމީން ކުރެއްވި މަސައްކަތް ހުއްޓުވައި، އެމައްސަލާގައި ޝާމިލުވާ މީހުން ފޮރުވަން މަސައްކަތް ކުރައްވަނީ ރައީސް ޞާލިހު." އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއެރީ ރައީސް ޔާމީންގެ ވެރިކަން ފުރޮޅައިލާން އުޅޭކަމަށް ޝައްކުކުރެވުނު ބަޔަކު ހިފައި ހައްޔަރުކުރަން، އޭރުގެ ސަރުކާރުން ޖެހި މަޅިއެއްގެ ތެރެއިން ކަމަށެވެ. އަދި އެމްއެމްޕީއާރުސީ މައްސަލާގައި ޚިޔާނާތްވުމުން އޭރުގައި ރައީސް ޔާމީންއާއި އެންމެ އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅާއާމެދު ފިޔަވަޅު އަޅައި އެކަމުގައި ޝާމިލުވިމީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ފެއްޓިވި ކަމަށެވެ.

"އެކަމަކު އެކަން ނުނިމެނީސް ނުހައްގުން ވެރިކަމަށް އައިބަޔަކު މުޅި މައްސަލަ އޮއްބާލައި، ސިޔާސީ ހަތިޔާރަކަށް މިމައްސަލަ ވަނީ ހަދާފަ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނޭ މީހުންނަކީ މިއަދު ކޮބައިކަންވެސް ނޭގި އެކަމުގައި އެންމެ އިސްކޮށް އުޅުނު މީހުންނާއިމެދު ރައީސް ޞާލިހު ބަހައްޓަވާ އޯގާތެރިކަން ފެނުމުން މިސަރުކާރުން މިމައްސަލާގައި އޮތް އިޚުލާސްތެރިކަން ހާމަވޭ." އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވަނީ ބުނެފަ އެވެ.

އޭގެތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި މިހާރުގެ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި 7 މީހަކާއި 7 ފަނޑިޔާރަކާއި ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނޭކަމަށް އެ މައްސަލަ ތަހުގީގު ކުރާ އިދާރާތަކުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް