އިޓަލީގެ ފުޓްބޯޅަ ތަރި ޕައޮލޯ ރޮސީ މަރުވެއްޖެ އެވެ.
1982 ވަނަ އަހަރުގެ ވަރލްޑް ކަޕް އިޓަލީއަށް ކާމިޔާބުކޮށްދިން ތަރި ރޮސީ މަރުވެފައިވަނީ ޢުމުރުން 64 އަހަރުގަ އެވެ.
ބޭރުގެ ޚަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އެވެ. ނަމަވެސް އޭނާގެ ބައްޔެއް ހާމަކޮށްފައެއް ނުވެއެވެ.
ޕައޮލޯ ރޮސީގެ މަރު ޔަގީންކޮށްދެމުން އޭނާގެ އަންހެނުން ފެޑެރޭސިއާ ކަޕެލަޓީ ބުނެފައިވަނީ "މި ދުނިޔެ އާ އޭނާ (ރޮސީ) ވަކިވެގެން ދިޔަޔަސް، އަބަދުވެސް އެކުގައިވާ" ކަމަށެވެ.
އިޓަލީގެ ގައުމީ ޓީމަށް 48 މެޗަށް ވުރެ ގިނައިން ކުޅެފައިވާ ރޮސީ ވަނީ ގައުމީ ޖަރޒީގައި 20 ގޯލު ޖަހައިދީފަ އެވެ.
އިޓަލިއަން ސެރިއާގެ 100 އަށް ވުރެ ގިނަ މެޗު ކުޅެފައިވާ ރޮސީ ވަނީ ޖުވެންޓަސް އާއި އޭސީ މިލާން ފަދަ ކްލަބުތަކަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދާދީފަ އެވެ.
1982 ވަނަ އަހަރުގެ ވަރލްޑް ކަޕްގައި ރޮސީ ދެއްކި ހުނަރުވެރި ކުޅުމުގެ ސަބަބުން އޭނާއަށް ވަނީ ޔޫރަޕް ގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ނުވަތަ ބެލަންޑިއޯ އެވޯޑުވެސް ލިބިފަ އެވެ.
ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު، ސްކައި ނިއުސް، މީޑިއާ ސެޓް އަދި ރާއި ފަދަ ޗެނެލްތަކުގައި ރޮސީ ވަނީ އެކްސްޕަރޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
"ޕަބްލޯ މަރުވި ޚަބަރަކީ ފުން ހިތާމައެއް ލިބުނު ވަގުތެއް. އޭނާއަކީ އަގު ނުކުރެވޭ ފަދަ ތަރިއެއް." އިޓަލީގެ ފުޓްބޯލް ފެޑޭރޭޝަން (FIGC) ގެ ރައީސް ގަބްރިއެލް ގްރެވިނާ ވިދާޅުވި އެވެ.
ރޮސީގެ މަރާއިގުޅިގެން ޔުއެފާ އިން ބުނީ، ޔުއެފާ ލީގުގައި މިރޭ ކުޅޭ މެޗުތައް ފެށުމުގެ ކުރިން ރޮސީގެ ހަނދާނުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ގެންނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް