ގުޅުން ރަނގަޅުކުރަން ޕްރިންސް ހެރީ ބޭނުންވިޔަސް ވިލިއަމްގެ ފަރާތުން ޖަވާބެއް ނެތް!

11 Nov 2026 | 09:35
ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ --

ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީ --

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި ޕްރިންސް ވިލިއަމްގެ ގުޅުން ބަދަހިކުރުމަށް ހެރީ މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ވިލިއަމް ހިމޭންކަން އިޚުތިޔާރުކޮށް، ދެ ބެއިންގެ މެދުގައި އެއްވެސް ސީދާ މުޢާމަލާތެއް ނެތް ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާޣޮތުގައި ބުނާ ގޮތުން، ބޭބެގެ ފަރާތުން ލިބެމުންދާ ފިނި ރައްދުތަކާ މެދު ހެރީ ހައިރާންވެ، ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. ބައެއް މަސްދަރަކުން ބުނެފައިވަނީ ޝާހީ ޢާއިލާއިން ހެރީ އާއި އަންހެނުން މޭގަން މާކަލް އާ މެދު ޢަމަލުކުރަމުންދަނީ އެ ދެކަނބަލުން ވުޖޫދުގައި ވެސް ނެތް ފަދައިން ކަމަށެވެ.

Advertisement

ނަމަވެސް ކޮއްކޮ ފަރާތުން ގުޅުން އިޔާދަކުރަން ބޭނުންވާކަން ތަކުރާރުކޮށް ހާމަކޮށްފައިވެއެވެ. އެއްވެސް ގަނޑުވަރަކުން މި ވާހަކަތަކާ ގުޅިގެން ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

2026 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޖީކިއު މެގަޒިނަށް ދިން އިންޓަވިއުއެއްގައި ހެރީ ވަނީ ބައްޕާފުޅު ކިންގް ޗާލްސްއާއި ވިލިއަމް އާ ދެމެދު އޮތް ނުތަނަވަސްކަމާ ބެހޭ ގޮތުން ހާމަކަމާ އެކު ވާހަކަ ދައްކާފައެވެ. ގުޅުން ރަނގަޅުވާން އެދޭ ކަމަށް ހެރީ ބުނެފައިވެއެވެ. އެތައް އަހަރެއްގެ ޢާންމު ކޯޅުމުގެ ސަބަބުން ލިބިފައިވާ ގެއްލުމާ ބެހޭ ގޮތުން ހެރީ ބުނީ "ލަކުނުތައް އަބަދުގެ އަބަދަށް ދެމިހުންނާނެ" ކަމަށެވެ. އެ ކޮމެންޓުތައް އެސޯސިއޭޓެޑް ޕްރެސް އިން ނެގުމުން، ސަސެކްސް ދެކަނބަލުންގެ ތަރުޖަމާނު ވަނީ އެއީ ވިލިއަމް އަށް ނުވަތަ ޢާއިލާގެ ވަކި މެންބަރަކަށް ސީދާ ފާޑުކިޔުމެއް ނޫން ކަމަށް ސާފުކޮށްދީފައެވެ.

ދެ ބެއިންގެ ގުޅުން ގޯސްވާން ފެށީ 2020 ގައި ހެރީ އާއި މެގަން ޝާހީ ޢާއިލާގެ އިސް މެންބަރުންގެ ދައުރުން ފެޔަށް ޖެހި އެމެރިކާއަށް ބަދަލުވި ހިސާބުންނެވެ. އޭގެ ފަހުން ޓީވީ އިންޓަވިއުތަކާއި ނެޓްފްލިކްސްގެ ޑޮކިއުސީރީޒާއި "ސްޕެއާ" ނަމުގައި ނެރުނު ހަޔާތުނާމާއިން ޢާއިލީ ކަންކަން ހެރީ ޢާންމުކުރަމުން ގެންދިޔައެވެ. ޚާއްޞަކޮށް އެ ފޮތުގައި 2019 ވަނަ އަހަރު މެގަންއާ ބެހޭ ގޮތުން ވިލިއަމް ރުޅިގަދަވެ، ހެރީގެ ކޯގައި ހިފައި ބިންމައްޗަށް ވައްޓާލި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ވިލިއަމް ޢާންމުކޮށް އެ ތުހުމަތަށް ރައްދު ދީފައި ނުވި ނަމަވެސް، ޕްރިންސް އޮފް ވޭލްސްގެ ގާތް ފަރާތްތައް ބުނެފައިވަނީ ޒާތީ ކަންކަން ޢާންމުކުރުމަކީ ވިލިއަމް ގާތުގައި ހުރަސްކޮށްގެން ނުވާނެ ރޮނގެއް ކަމަށެވެ.

ވިލިއަމް އާ އޮތް ގުޅުން ގަނޑުވެފައި އޮތް ނަމަވެސް ކިންގް ޗާލްސްއާއި ދެމެދު ކޮންމެވެސް ވަރެއްގެ ގާތްކަމެއް އުފެދިފައިވާކަމުގެ ރިޕޯޓުތައް ފެނިފައިވެއެވެ. 2026 ވަނަ އަހަރުގެ ޖުލައިގައި ކިންގް ޗާލްސްއާއި ޕްރިންސަސް ކެމީލާ، ހެރީ އާއި މެގަން އަދި ދެ ދަރިން ކަމުގައިވާ އާޗީ އާއި ލިލިބެޓް އާ އެކު ހައިގްރޯވް ހައުސްގައި ބައްދަލުކުރި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޕީޕަލް މެގަޒިނުން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ބެއިންގެ މެދުގައި މިހާރު ސީދާ އެއްވެސް މުވާސަލާތެއް ނެތެވެ. ޝާހީ ޢާއިލާގެ ތާރީޚު ދިރާސާކުރައްވާ އެމެންޑާ ފޯމަން ސިފަކުރެއްވި ގޮތުގައި ދެ ބެއިންގެ ގުޅުން ވަނީ ގަދަ ކޯޅުމުގެ "ހޫނު ހަނގުރާމައިން" ދިގުލައިގެންދާ "ވަރަށް ފިނި ހަނގުރާމައަކަށް" ބަދަލުވެފައެވެ.

އެތައް އަހަރެއްވީ ޢާންމު އަރައިރުމާއި، ޒާތީ ސިއްރުތައް ބޭޒާރުކުރުމާއި ހަލާކުވެފައިވާ އިތުބާރުގެ ފަހުން، މި ގުޅުން އަލުން ގާއިމުވުމާ ހަމައަށް ވާސިލުވެވޭނެ ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް