މާމެލާމެލިން ފުރިފައިވާ ހިތްގައިމު ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

ތަފާތު ވައްތަރުގެ މާމެލާމެލިން ފުރިފައިވާ ހިތްގައިމު ލޮނުޒިޔާރަތް ޕާކު ހުޅުވައިފި އެވެ. މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ރ...

11 Nov 2020 | 15:05

ތަފާތު ވައްތަރުގެ މާމެލާމެލިން ފުރިފައިވާ ހިތްގައިމު ލޮނުޒިޔާރަތް ޕާކު ހުޅުވައިފި އެވެ.

މި ޕާކު ރަސްމީކޮށް ހުޅުވައިދެއްވީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭ ސިޓީ ކައުންސިލް މެމްބަރުންނާއި ވަޒީރުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ޕާކު ތަރައްގީކޮށްފައިވަނީ އެކި މާލަންތައް ހިމަނައިގެންނެވެ. މި ޕާކުގައި ކައިވެނި ޕާޓީތަކާއި ހާއްސަ ހަފުލާތައް ބޭއްވުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މި ޕާކަކީ 2.5 ހެކްޓަރުގެ ސަރަހައްދު ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ތަރައްގީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވާކަމަށެވެ. ޝިފާ ވިދާޅުވީ އެފަދަ ހިތްފަސޭހަ ތަނަކަށް މުޅި މާލެ ހެދުމަށް  ކުރާ މަސައްކަތް ދެކުނަ އިތުރުކޮށް، ޕާކުތަކުގައި ގަސް އިންދުމާއި، މުޅި މާލެ ވަށާ ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްއޮތްތާ ކުރާނެ ކަމަށް ވިދާޅުވި އެވެ.

މި ޕާކުގައި ފެންގަނޑަކާއި، އެފެންގަނޑު މަތިން ހުރަސްކުރެވޭގޮތަށް އަޅާފައިވާ ބްރިޖަކާއި، އުސްފަސްގަނޑެއްވެސް ހިމެނެއެވެ. އަދި ރާޅާ އަޅާ ޒުވާނުންނަށް ބޭނުންވާ ގަރޓް ޕޯސްޓް ބޮޑުކޮށް، އަލުން ވަނީ މަރާމާތުކޮށްފައެވެ. ޕާކުގައި ހައްދާފައިވާ ގަސްތަކާއި މާމެލާމެލީގެ ސައިންޓިފިކް ނަންތަކާއި ދިވެހި ނަންވެސް އާއްމުންނަށް ފެންނާނެހެން ހަރުކޮށްފައި ވެއެވެ. އަދި ޕާކުގެ އެކި ސަރަހައްދުތަކަށް ތަފާތު ނަންތައް ދީފައިވެ އެވެ.

ލޮނުޒިޔާރަތް ޕާކުގައި މީހުންނަށް އިށިނދެވޭގޮތަށް 300 އަށްވުރެ ގިނަ ތަފާޓު ޑިޒައިންތަކަށް ހަދާފައިވާ ގޮނޑި ހުރެ އެވެ. އަދި ކުޑަކުދިން ބައިސްކަލް ދުއްވާނެ ސަރަހައްދަކާއި ކަސްރަތަށް މީހުން ހިނގާނެ ލޭނަކާއި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ފަސޭހައިން ވަދެ ނުކުމެވޭގޮތަށް ހަދާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް