ރޮނާލްޑޯ ގަތުމަށް ޕީއެސްޖީ އޮތީ ތައްޔާރަށް ؟

ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މަސައްކަތް ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރެއާލް މ...

11 Nov 2020 | 12:10

ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނައިރު، އޭނާ ހޯދުމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މަސައްކަތް ފަށައިފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރެއާލް މެޑްރިޑް ދޫކޮށް އުމުރުން 35 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 100 މިލިޔަން ޔޫރޯއަށެވެ. އެފަހަރު ރޮނާލްޑޯ ވަނީ ޔުވެންޓަސްއާއެކު ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެގޮތުން ރޮނާލްޑޯ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

ޔުވެންޓަސްއާއެކު ރޮނާލްޑޯ ހަދާފައި އޮތް އެއްބަސްވުން 2022 ވަނަ އަހަރު ހަމަވާއިރު، އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި އޭނާ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ޕީއެސްޖީން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޕީއެސްޖީގެ ސްޕޯޓިންގ ޑިރެކްޓަރު ލިއެނާޑޯ ބުނީ ރޮނާލްޑޯ ހޯދުމާ މެދު ޕީއެސްޖީން ވިސްނުން ގެންގުޅޭ ކަމަށް ބުނިއިރު، އަންނަ ޓްރާންސްފާގައި ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. ރޯނާލްޑޯ ގަތުމުގެ ފެންވަރު ޕީއެސްޖީގައި ހުރިނަމަ އެ ފުރުސަތު ލިބޭ ހިނދަކު އޭގެ ބޭނުން ހިފުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ލިއެނާޑޯ ބުންޏެވެ.

ރޮނާލްޑޯ ގަތުމަށް ފްރާންސްގެ ޕީއެސްޖީން ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، ރިޕޯޓުތައް ބުނާ ގޮތުން ރޮނާލްޑޯ ވެސް ޕީއެސްޖީއަށް ބަދަލުވާން ބޭނުންވެއެވެ.

ރޮނާލްޑޯ ވިއްކާލަން ޔުވެންޓަސްއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް، މީގެ ކުރިން ޔުވެންޓަސްގެ ރައީސް އަންދްރޭ އެގްނެލީ ވަނީ ރޮނާލްޑޯއަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ބުނެފައެވެ. ނަމަވެސް އިޓަލީގެ ބައެއް ނޫސްތަކުން ޚަބަރު ފަތުރާ ގޮތުގައި ޔުވެންޓަސް އަށް ދިމާވެފައިވާ މާލީ ދަތިކަން ހަމައަކަށް އެޅުވޭނީ ރޮނާލްޑޯ ވިއްކާލައިގެންނެވެ. ގޮތުން އެންމެ ބޮޑު އަގެއް ހުށައަޅާ ކުލަބަކަށް ރޮނާލްޑޯ ވިއްކާލުމަށް ޔުވެންޓަސްއިން ތައްޔާރުވަމުން އަންކަމަށް ރިޕޯޓުތަށް ބުނެއެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކާއި ކުޅުމާއި ދުރުގައި ހުރި ރޮނާލްޑޯ އެނބުރި އައިސް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ފެރެންކްވަރޮސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސް މޮޅުވި ނަމަވެސް ރޮނާލްޑޯއަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުގެ އެ މެޗުގައި ރޮނާލްޑޯ ދެއްކި ކުޅުމަށް ޔުވެންޓަސްގެ ކޯޗު ޕިރްލޯގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ޕިރްލޯ ވަނީ އެމެޗުގައި ރޮނާލްޑޯގެ އަމިއްލަ އެދުން ބޮޑުކަމަށް ފާހަގަކުރެވޭ މޭރުމަކުން ވާހަކަ ދައްކާފައެވެ.

މީގެ ކުރިން ރެއާލް މެޑްރިޑާއެކު ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ރޮނާލްޑޯ ކާމިޔާބުކުރި ނަމަވެސް، އޭނާއަށް ޔުވެންޓަސްއާއެކު އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ވަނީ ދެވަނަ ބުރުން ކަޓާފައެވެ. ރޮނާލްޑޯ އާއި އެކު ޔުވެންޓަސްއަށް އެންމެ ދުރައްވެސް ދެވުނީ ޗެލްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްއާއި ހަމައަށެވެ.

މިފަހަރުގެ ސީޒަނުގައި ވެސް ރޮނާލްޑޯ އަންނަނީ ޔުވެންޓަސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މިފަހަރުގެ ސީޒަނުގައި މިހާތަނަށް ރޮނާލްޑޯ ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ހަ ގޯލް ޖަހާފައެވެ.

2018 ވަނަ އަހަރު ޔުވެންޓަސްއާއި ގުޅުނު ރޮނާލްޑޯ ވަނީ މިހާތަނަށް ޔުވެންޓަސްއަށް ކުޅެދިން 94 މެޗުގައި 71 ލަނޑު ޖަހާފައެވެ. އަދި ވަނީ މިހާތަނަށް ޔުވެންޓަސްއާއެކު އިޓާލިއަން ލީގު ދެ ފަހަރު އަދި އިޓާލިއަން ސުޕަ ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް