ރަޝިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމާއި ގުޅިގެން އޭރޯފްލޮޓުން ރާއްޖެއަށް ކުރާ ދަރުތައް އިތުރު ކޮށްފި އެވެ.
ރަޝިއާގެ އެއާލައިނެއް ކަމަށްވާ އޭރޯފްލޮޓްގެ ދަތުރުތައް ކޯވިޑް-19 އާއި ގުޅިގެން މެދުކަނޑާލުމަށް ފަހު އަލުން ފެށީ ހަފްތާއަކު ދެ ދަތުުރާއި އެކު ސެޕްޓެމްބަރު 11 ގައި އެވެ. އެ ދަތުރުތައް މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ހަފްތާ އަކު ހަތަރު ދަތުރަށް އިތުރުކޮށްފައި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އެ އެއާލައިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތަކަށް ގެންނަ ބަދަލާއި އެކު ޝެޑިއުލް ދަތުރުތައް ފަށާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހުން ފެށިގެން ހަފްތާއަކު އަށް ދަތުރު އޭރޯފްލޮޓުން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ހުކުރު، އާދިއްތަ، ހޮނިހިރު އަދި ހޯމަ ދުވަހު އެވެ. އެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ދެ ދަތުރު ރާއްޖެއަށް ކުރާނެ އެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއިއެކު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން ރާއްޖެއަށް ޖުމްލަ 9،519 ފަތުރުވެރިން ވަނީ އައިސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް