ދިވެހިރާއްޖެއިން އެންގޯލާއާއެކު ޚާރިޖީ ގުޅުން ގާއިމުކޮށްފި އެވެ.
އެފްރިކާގެ ގައުމެއް ކަމަށްވާ އެންގޯލާއާއެކު ދިވެހިރާއްޖެއިން ޚާރިޖީ ގުޅުން ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ ޕާމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް ތިލްމީޒާ ހުސައިންއެވެ. އެންގޯލާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ޕަރމެނެންޓް ރެޕްރެޒެންޓެޓިވް މާރިއާ ދި ޖީސަސް ދޮސް ރެއިސް ފެރޭރާ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން ހަރުދަނާ ވެގެންދާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި ދެ ގައުމުގެ ރައްޔިތުން އެދޭ ކަންކަން ހާސިލުވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއްކަމަކީ ދޭދޭ ގައުމުތަކާއެކު ގުޅުން ބަދަހިކޮށް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ. އަދި އެކުވެރިކަން ގާއިމުކުރަން އެދޭ ހުރިހާ ގައުމަކާ އެކުވެސް އެކުވެރިކަން ގާއިމުކުރުން ކަމަށެވެ.
އެންގޯލާއާއެކު ގާއިމު ކުރެވުނު ޚާރިޖީ ގުޅުމާއެކު 173 ގައުމަކާއެކު ރާއްޖެއިން މިހާރު ވަނީ ޚާރިޖީ ގުޅުން ގާއިމުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް