ރަޝިއާގެ އެއާލައިނެއް ކަމަށްވާ، ރޮސިޔާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފަށާނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުކަމަށެވެ. އަދި މި ދަތުރުތައް ކުރުމަށް ޝެޑިއުލް ކުރެވިފައިވަނީ ރަޝިއާގެ މޮސްކޯއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ކަމަށެވެ.
އެ އެއަރލައިނުން މި ދަތުރުތަކުގައި ބޭނުންކުރާނީ ބޮއިން (B) 747-400 މަރުކާގެ ބޯޓުތައް ކަމަށް ވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ އެއަރލައިނުން ހަފްތާއަކު އެއް ދަތުރު ކުރަން ނިންމާފައިވާ ކަމަށާއި އަންނަ އަހަރުގެ މާރޗް މަހުގެ ނިޔަލަށް މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ބާއްވާނެކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
https://twitter.com/MACLmedia/status/1326134110079709184
ރޮސިޔާ އެއަރލައިންއަކީ އޭރޯފްލޮޓް ގްރޫޕްގެ ދަށުން ހިންގާ އެއަރލައިނެކެވެ. ރަޝިއާގެ އޭރޯފްލޮޓުން ވަނީ ކޯވިޑް19 އަށްފަހު ރާއްޖެއަށް އަލުން ދަތުރުތައް ފަށާފަ އެވެ.
ރާއްޖެއަށް މިވަގުތު ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން ދަތުރުތައް ކުރަމުން އަންނަ އިރު، މިއަހަރުގެ ނިޔަލަށް އިތުރު 10 އެއަރލައިނަކުން ދަތުރުތައް ފަށާނެކަމަށް ވެސް އެމްއޭސީއެލްއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް