ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޯވިޑް ރިލީފް ލޯނު ދޫކުރަން ފަަށައިފި އެވެ.
މި ލޯނަކީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ފަންޑުގެ ދަށުން ސަރުކާރުގެ އެހީތެރިކަމާއި އެކު ބީއެމްއެލްއިން ދޫކުރާ ލޯނެކެވެ. ކޯވިޑް އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން މިނިސްޓްރީ އޮފް ފިނޭންސް އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައިވަނީ މިދިޔަ ޖޫންމަހު އެވެ.
ބީއެމްއެލްއިން ބުނީ މި ފަންޑުގެ ދަށުން ލޯނު ދޫކުރާނީ 3،000 އަށް ވުރެ މަދުން މުވައްޒަފުން ގެންގުޅޭ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން ކޮންމެ ވިޔަފާރިއަކަށް 15.42 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
އެ ބޭންކުން ބުނީ މި ލޯނު ދޫކުރާނީ މިހާރު ބީއެމްއެލްއިން ދޫކުރާ ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި ކަމަށެވެ. އަދި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެ ކަމަށް ބުނެ އެވެ.
އެކަމަކު އެ ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ. ބީއެމްއެލްއިން ބުނީ މި ލޯނަށް އެދޭ ފޯމާއި އިތުރު ތަފްސީލް ބޭންކުގެ ވެބްސައިޓު މެދުވެރިކޮަށް ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި ލޯނުގެ ސަބަބުން ކޯވިޑް-19އާ ގުޅިގެން ގެއްލުން ލިބުނު ވިޔަފާރިތަކަށް އެ ގެއްލުމުން އަރައިގަތުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް