މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު އަންނަ އަންގާރަ ދުވަހު ހުޅުވަނީ

ހއ. ހޯރަފުށީ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ. ހޯރަފުށި އެއާޕޯޓުގެ މުހިންމު މަސައްކަތްތައް ކަމަށްވާ ރަންވޭ...

11 Nov 2020 | 07:41

ހއ. ހޯރަފުށީ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފި އެވެ.

ހޯރަފުށި އެއާޕޯޓުގެ މުހިންމު މަސައްކަތްތައް ކަމަށްވާ ރަންވޭ އާއި ޓާމިނަލް ފަދަ ތަންތަނުގެ މަސައްކަތްތައް މިދިޔަ އާދިއްތަ ދުވަހު އެއްކޮށް ވަނީ ނިމިފައި އެވެ. އެ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީން މީޑިއާގައި ބުނީ މަސައްކަތް ކުރަމުންދަނީ މިމަހުގެ 16 ވާ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖައްސައި 17 ވާ އަންގާރަ ދުވަހު ރަސްމީކޮށް އެ އެއާޕޯޓު ހުޅުވުމަށް ކަމަށެވެ. އެކަމަށް ޓަކައި ހޯރަފުށީ އެއާޕޯޓުގައި ކުރަން ހުރި އިތުރު މަސައްކަތްތައް ރައްޔިތުންގެ ބައިވެރިވުމާއި އެކު ދަނީ ކުރަމުންނެވެ.

އެ ރަށުގައި އެއާޕޯޓު އެޅީ ދެކުނު ފަރާތު ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި ހިއްކި ސަރައްދުން ރަށަށް ދެވޭގޮތެއް ތާރު އެޅި މަގެއް ވަނީ ހަދާފައި އެވެ.

ރަށު ރައްޔިތުން ގުޅިގެން އެ މަގާއި އެއާޕޯޓުގައި ބަގީޗާ އާއި ހިޔާދޭ ބޮޑެތި ގަހާއި ރުއް އިންދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ ރަށު ވިޔަފާރިވެރިންނާއި ރައްޔިތުން އަދި ކައުންސިލް ގުޅިގެން ވަނީ އެއާޕޯޓުގެ މަސައްކަތް ކުރި އެމްޓީސީސީގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކެއުމަކާއި އެކު ހާއްސަ ހަފްލާއެއްވެސް ބާއްވާފައި އެވެ.

އެއާޕޯޓުގެ އޮޕަރޭޝަންސްތައް ފެށުމަށް ބޭނުންވާ ސާމާނުވެސް އެ ރަށަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭއި އަލިފާން ނިވާ ލޮރީ ފަދަ ވެހިކަލްތައް ހިމެނެ އެވެ،

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަދައި ހުޅުވާނެ ފުރަތަމަ އެއާޕޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް