ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން އަންނަ ހޯމަ ދުވަހަށް ތާވަލު ކޮށްފި އެވެ.
ޔައުގޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.
އަންނަ ހޯމަ ދުވަހު މި މައްސަލައިގެ ހުކުމް އިއްވަން ހަމަޖެހިފައިވާކަން ޔައުގޫބުގެ ގާނޫނީ ވަކީލުން ވަނީ މީޑިއާގައި ކަށަވަރުކޮށްދެއްވާފައި އެވެ. މި މައްސަލައިގެ އަޑުއެހުންތައް މިދިޔަ މަހުގެ ފަހުކޮޅުވަނީ ނިންމާލާފައި އެވެ.
ޔައުގޫބްގެ މައްސަލަ ކޯޓަށް ހުށަހެޅީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ރ. އަށް ބަލާއިރު މެމްބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ނިންމައެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ރ. ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް މެމްބަރުން އަދާކޮށްގެން ނުވާނެ އެވެ.
ޔައުގޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް މައްސަލަ ހުށހެޅުއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމްއެވެ. ހަލީމް ވަނީ އެ މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން ޔަައުގޫބު މަޖިލީހަށް ވަޑައިގެންނެވުން ހުއްޓުވައި ދިނުމުގެ އަމުރަކަށްވެސް އެދިފައި އެވެ.
އެކަމަކު އެ އަމުރު ސުޕްރީމް ކޯޓުން ނެރެދީފައެއް ނުވެ އެވެ.
މިކަމާއި ގުޅޭގޮތުން ޔައުގޫބު މިހާތަނަށް ވިދާޅުވެފައިވަނީ އެ މަގާމު ގަބޫލުކުރެއްވީ އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ގާނޫނީ ލަފާ ލިބިވަޑައިގަތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް