ނޫސްވެރިކަމުގެ މިނިވަންކަމަކީ އޭގެ ބޭނުން ހިފާގޮތަކުން ގައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއް: ރައީސް ސޯލިހް

ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވ...

11 Nov 2020 | 06:14

ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައި ކަމަށެވެ.

"އަޅުގަނޑު މި މަޤާމާ ޙަވާލުވުމަށް ފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަން." ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއް ކަމަށް އަޅުގަނޑު ޤަބޫލުކުރާކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެ ގޮތަކަށްވެސް ބަދަލުކޮށްލެވިދާނެ ފަދަ ބާރެއް ކަމަށެވެ.

"ހަމަނުޖެހުމެއްގެ ތެރެއަށް ވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަން ވެސް ޤައުމުގައި ފަތުރާލެވިދާނެ." ރައީސް ފާހަގަކުރެއްވިއެވެ.

މި މައުލޫގައި ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަން ދީގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް