ކޯވިޑް-19 އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ، މީހުން ބިނާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެ ކަމަށެވެ. މީގެ އިތުރުން، މީހުން ބިނާކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ޓިވެޓް އިންސްޓިޓިއުޓްތައް ތަރައްޤީކުރުމަށާއި، ޖޫނިއަރ ކޮލެޖް ޤާއިމްކުރުމަށާއި، ޕޮލިޓެކްނިކްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭނެ ކަމަށެވެ.
މަތީ ތަޢުލީމުގެ ދާއިރާއިން އެމަނިކުފާނު އެންމެ ފަޚުރުވެރިވާ އެއް ކަމަކީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފްކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދެވިފައިވާކަމަށާއި އަދި މިސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯންގެ ލުއިތަކާ އެކު، 23 ޤައުމެއްގައި، 1082 ދަރިވަރަކު މިހާރު އަންނަނީ މަތީ ތަޢުލީމް ޙާޞިލްކުރަމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް