N/A
މަގުމަތީގެ އެކްސިޑެންޓް ހާދިސާތައް ތަހުގީގުކުރުމުގެ ފެންވަރު މަތިކޮށް އެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން "ސްމާޓް ޑްރޯ" ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުން ތައާރަފުކުރި މި ސޮފްޓްވެއާއަކީ އެކްސިޑެންޓް ހިނގާ ތަންތަނުގެ ޑައިގްރާމާއި ސްކެޗް ފަސޭހައިން ކުރެހުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮގްރާމެކެވެ. މި ސޮފްޓްވެއާގައި އިންޓަރސެކްޝަނާއި ޓީ ޖަންކްޝަނާއި ސީދާ މަގުތައް ފަދަ ތަފާތު މަގު ލޭއައުޓްތައް ކުރިން ތައްޔާރުކޮށް ހިމަނައިފައިވެއެވެ.
އޭގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި ސައިކަލާއި ޓްރެފިކް ނިޝާންތަކާއި މަގުބައްތި ފަދަ ތަހުގީގަށް ބޭނުންވާ މުހިންމު ބައިތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް އެ ޕްރޮގްރާމުގައި ހިމެނެއެވެ. ހާދިސާ ހިނގި ސަރަހައްދުގެ ސައްހަ ތަސްވީރެއް ދައްކައިދިނުމަށްޓަކައި ގޫގުލް މެޕްސް އާއި ސެޓެލައިޓް ފޮޓޯތައް ސޮފްޓްވެއާއަށް އެޅައިގެން ޑައިގްރާމް ތައްޔާރުކުރެވޭ ގޮތް ވެސް ވަނީ ހަމަޖައްސައިފައެވެ.
މި ސޮފްޓްވެއާ ތައާރަފުކުރީ ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކޮށް ހެކި ރައްކާކުރުމުގެ ނިޒާމު ވަރުގަދަކުރުމުގެ ބޭނުމުގައެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފޯރުކޮށްދޭ ފުލުހުންގެ ހިދުމަތްތައް ހަރުދަނާކުރުމަށް ޒަމާނީ ވަސީލަތްތައް ތައާރަފުކުރުމުގެ ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް