ޤައުމީ ޕްރީ-ކަބް މީޓާއި ކަބް ރެލީ ހަނިމާދޫ އަދި ގަމުގައި ބާއްވައިފި

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޤައުމީ ޕްރީ-ކަބް މީޓާއި ކަބް ރެލީ ސިލްސިލާގެ ދެވަނަ އަދި ތިންވަނަ ހަރަކާތް އިއްޔެ ބާއްވައިފި އެވެ. މިއަހަރު މި ހަރަކާތްތައް ބާއްވާފައިވަނީ ހދ...

11 Oct 2026 | 06:38
ޤައުމީ ޕްރީ-ކަބް މީޓާއި ކަބް ރެލީގެ ތެރެއިން -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ޤައުމީ ޕްރީ-ކަބް މީޓާއި ކަބް ރެލީގެ ތެރެއިން -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދާ ޤައުމީ ޕްރީ-ކަބް މީޓާއި ކަބް ރެލީ ސިލްސިލާގެ ދެވަނަ އަދި ތިންވަނަ ހަރަކާތް އިއްޔެ ބާއްވައިފި އެވެ.

މިއަހަރު މި ހަރަކާތްތައް ބާއްވާފައިވަނީ ހދ. ހަނިމާދޫ އާއި ލ. ގަމުގައި އެއް ދުވަހެއްގައި އެވެ.

ޒޯން އެކެއް (ހއ.، ހދ.، ށ. އަތޮޅު) އަށް ޚާއްޞަ ހަރަކާތް ކުރިޔަށް ގެންދިޔައީ ހަނިމާދޫގައެވެ. އެ ހަރަކާތުގައި 300 އަށް ވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން ބައިވެރިވި އިރު، 100 އަށް ވުރެ ގިނަ ވޮލަންޓިއަރުން ޙަރަކާތްތެރިވެފައިވެ އެވެ.

ހަނިމާދޫގެ ކެތިއަރާ ޖަމިއްޔާގެ ދަށުން ހިންގާ ކެތިއަރާ ސްކައުޓް ގުރޫޕާ ގުޅިގެން މި ހަރަކާތް ރޭވިއިރު، މެއިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވީ އައި. އެންޑް ސީ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑެވެ. ހަނިމާދޫ ކައުންސިލާއި ގިނަ ސަރުކާރު މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ސްކައުޓް އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ޒޯން ހަތަރެއް (މ.، ފ.، ދ.، ތ.، ލ. އަތޮޅު) އަށް ޚާއްޞަ ހަރަކާތް ކުރިއަށްގެންދިޔައީ ލ. ގަން އިހައްދޫ ސްކޫލުގައެވެ. އެ އިވެންޓުގައި 150 އަށް ވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުންގެ އިތުރުން 70 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވި އެވެ.

ލ. ގަމުގެ ހަރަކާތުގައި އިސްވެ ޙަރަކާތްތެރިވަނީ އިހައްދޫ ސްކޫލް ސްކައުޓް ގުރޫޕެވެ. ހައްދުންމަތީ ގަމު ކައުންސިލުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާއިރު، ލ. އަތޮޅުގައި ޙަރަކާތްތެރިވާ ސަރުކާރު މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ވެސް ބައިވެރިވި ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެ އެވެ.

މި ސިލްސިލާގެ ފުރަތަމަ ހަރަކާތް ކަމުގައިވާ ޒޯން ފަހެއް (ގއ. އަދި ގދ.) ގެ ޕްރީ-ކަބް މީޓާއި ކަބް ރެލީ ވަނީ 26 ސެޕްޓެމްބަރު 2026 ގައި ތިނަދޫ ސިޓީގައި ކާމިޔާބުކަމާ އެކު ނިންމާލައިފައެވެ. ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކުގެ ތެރޭގައި ޒޯން ދޭއް (ނ. އަދި ރ.) ގެ ހަރަކާތް 24 އޮކްޓޫބަރު 2026 ގައި ނ. ކުޑަފަރީގައި، ޒޯން ހައެއް (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) ގެ ހަރަކާތް 7 ނޮވެމްބަރު 2026 ގައި އައްޑޫ ސިޓީގައި، އަދި ޒޯން ތިނެއް (ބ. އަދި ޅ.) ގެ ހަރަކާތް 21 ނޮވެމްބަރު 2026 ގައި ބ. ދަރަވަންދޫގައި ބޭއްވުން ހިމެނެއެވެ.

ޒޯން ހަތެއް (މާލެ ސިޓީ) ގެ ހަރަކާތް ބާއްވާނެ ތާރީޚު ފަހުން އިޢުލާނު ކުރާނެ ކަމަށް ބުނެ އެވެ.

ޕްރީ-ކަބް އަދި ކަބް ސެކްޝަނަށް ޚާއްޞަކޮށްގެން ބާއްވާ މި ހަރަކާތްތަކަކީ ފަސް އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް އެއް ތަނަކުން ބައްދަލުވެ، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ ފުރުޞަތު ހޯދައިދޭ އިވެންޓުތަކެކެވެ.

ސަޤާފީ ކުޅިވަރުތަކާއި، އޮބްސްޓެކަލް ކޯސްތަކާއި، އާޓް އެންޑް ކްރާފްޓް ހަރަކާތްތަކުގެ އިތުރުން، މުޖުތަމަޢުގައި ޙަރަކާތްތެރިވާ މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާޢަތްތައް ތަޖުރިބާކުރުމުގެ ފުރުޞަތު ކުދިންނަށް ލިބި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ދިރިއުޅުމުގެ ތަފާތު ހުނަރުތައް ތަރައްޤީކުރުމަށް މި ހަރަކާތްތައް ބައްޓަންކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް