ރައީސް ޑރ. މުއިއްޒު އަތޮޅުތެރެއަށް ކުރެއްވި ދަތުރުފުޅުެއްގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އަންހެން ކުދީންގެ ޙައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އަންހެން ކުދީންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
ރައީސް ވިދާޅުވީ އަންހެން ކުދީންނާއި ޒުވާން އަންހެނުން ބާރުވެރިކޮށް، އެ ކުދީންގެ ފުރިހަމަ ޤާބިލުކަމާ ހަމައަށް ވާޞިލުވެވޭނެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ސިޔާސަތުތައް ކުރިއެރުވުމަށް ސަރުކާރު ތައްޔާރަށް ތިބި ކަމަށެވެ.
މުސްތަޤުބަލުގެ ލީޑަރުންގެ ގޮތުގައި އެ ކުދީން ބިނާކޮށް، ރައްކާތެރި އަދި އެހީތެރި މާޙައުލެއްގައި ޤައުމީ ތަރައްޤީއަށް މާނަހުރި ގޮތެއްގައި ޙިއްޞާވެވޭނެ ގޮތް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި ލަނޑުދަނޑިތައް ޙާޞިލުކުރެވޭނީ ޢާއިލާތަކާއި މުޖުތަމަޢުތަކުން ފެށިގެން ގޮސް ކަމާ ގުޅޭ ހުރިހާ ފަރާތްތައް ޝާމިލުވާ، މުޅި މުޖުތަމަޢު ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިން ކަމަށެވެ. މިއަދު އަންހެން ދަރީންނަށް ކުރެވޭ ހޭދައަކީ ހަމަހަމަ، ޝާމިލު، އަދި ފާގަތި މުސްތަޤުބަލަކަށް ކުރެވޭ އިންވެސްޓްމެންޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަންހެން ކުދީންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު 11 ވަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް