އަދުގެ ޒުވާނުންގެ ކިބައިން ގައުމު އެދޭ އެދުން ފުއްދައިދީ !

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލެވެ. ގައުމުގެ ޖޯޝާ ލޭ ގުޅިފައިވަނީ ޒުވާނުންނާ އެވެ. ނަމަވެސް އަދުގެ ބައެއް ޒުވާނުންގެ ފަރާތުން ފެންނަ މަންޒަރާއި އިވެމުންދާ އަޑަކީ މާ ހިތް ފަސޭހަ މަންޒަރުތަކަކަށް ނުވަ...

11 Oct 2020 | 15:43

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލެވެ. ގައުމުގެ ޖޯޝާ ލޭ ގުޅިފައިވަނީ ޒުވާނުންނާ އެވެ.

ނަމަވެސް އަދުގެ ބައެއް ޒުވާނުންގެ ފަރާތުން ފެންނަ މަންޒަރާއި އިވެމުންދާ އަޑަކީ މާ ހިތް ފަސޭހަ މަންޒަރުތަކަކަށް ނުވަތަ އަޑުތަކަކަށް ނުވެއެވެ.

މިހެން މި ދަންނަވަން ޖެހުނީ ޒުވާނުން އެއްތަންވެ، ވާހަކައެއް ދައްކާލާ އިރު، ބޭނުންކުރާ ލަފުޒު ތަކަކީ ޢާންމު ތަންތަނުގައި ބޭނުން ކުރަން ކަމުދާ ލަފުޒުތަކަކަށް ނުވާތީ އެވެ.

ފަހަރެއްގައި އަޅުގަނޑަކީ އެފަދަ ބަސްތަކަށް ހޭނިފައި ހުރި މީހަކަށް ނުވާތީއޭ ވެސް ޒުވާނުން ބުނެދާނެ އެވެ.

އާނއެކެވެ. އަޅުގަނޑުގެ މައިންބަފައިން ދަސްކޮށްދިނީ އެފަދަ ބަސްތަކެއް ނޫނެވެ.

ޒުވާނުންގެ ބަހުރުވަ މިގޮތަށް ހުންނަންފެށީ ހަމައެކަނި މިއަދަކު އިއްޔެއަކު ނޫނެވެ. އެފަދަ ބަހުރުވައިން ވާހަކަ ދެއްކުމުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރާއި ތުއްތު ކުދިންނަށް އެފަދަ ބަހުރުވަ މާދަމާގެ ޒުވާނުންގެ ގޮތުގައި ތިބި އަދުގެ ތުއްތު ކުދިންނަށް ދަސްވުމަކީ އެއްވެސް މަޔަކު، ނުވަތަ ބަފަޔަކު ބޭނުންވާނޭ ކަމެއް ނޫނެވެ.

އެހެންނަމަވެސް ކުރިންވެސް ދެންނެވި ފަދައިން އަދުގެ ބައެއް ޒުވާނުންގެ ބަސްމޮށުންތެރިކަމުގެ ސަބަބުންނާއި ޢަމަލުތައް ހުންނަގޮތުން ބިރުހީވެ، ލަދުވެތިވާން ޖެހެއެވެ.

ޢާއިލާ އާއެކު ސައިތައްޓެއް ބޯލަން ކެފޭއެއް ނުވަތަ ރެސްޓޯރެންޓެއްގައި ތިބޭ އިރުވެސް، އެއްވެސް ވިސްނާލުމެއް ނެތި ބުނެލާ ބަސްތަކުން ލޯ ދަނީ ތަރަތަރަ ޖަހައިގެން ނެވެ. އެކަމާ އެއްޗެއް ބުންޏަސް، ބުނި މީހަކަށް އެ ކުރެވުނީ ނުފުހެވޭ ވަރުގެ ބޮޑު ފާފައަކަށް ވެދެއެވެ.

އެހެންނަމަވެސް ވިސްނާލަންވީ ކަމަކީ އެހެން މީހަކު އެފަދަ ބަހެއް ބުނާ އިރު، ތިމާ އާ ތިމާގެ ޢާއިލާ އެތަނެއްގައި ތިބި ނަމަ، އެމީހުންނަށް ކުރާނެ އަސަރެވެ.

އަދުގެ ޒުވާނުންނަކީ ވެސް ކޮންމެވެސް ޢާއިލާއަކަށް ނިސްބަތްވާ ބައެކެވެ.

އެހެންކަމުން އެ ޒުވާނުންގެ ވިސްނުން ބަދަލުކޮށް، ޢާއިލާ އާ ރައްޓެހި، ރަޙުމަތްތެރިންނާއެކު ، ތިމާއެކޭ އެއްފަދައިން އަނެކާއަށްވެސް ހިތްހަމަޖެހޭ މާޙައުލެއް ތަނަވަސްކޮށްދޭށެވެ. ތިޔަ ޒުވާނުންނަށް ވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް