ދުފުން- އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ކަމެއް

ދުފުމަކީ ދިވެހިންގެ ދިރިއުޅުގެ އާދަކާދައާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. ކުރީ ޒަމާނުއްސުރެ ދިވެހިން އާދަކޮށް ކިރަމުން އަންނަ ކަމެކެވެ. މާލެއާއި އަތޮޅުތެރޭ ރަށްރަށުގައި ދިރިއުޅޭ ގިނަ މީހުން...

11 Oct 2020 | 10:24

ދުފުމަކީ ދިވެހިންގެ ދިރިއުޅުގެ އާދަކާދައާއި ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ކަމެކެވެ. ކުރީ ޒަމާނުއްސުރެ ދިވެހިން އާދަކޮށް ކިރަމުން އަންނަ ކަމެކެވެ.

މާލެއާއި އަތޮޅުތެރޭ ރަށްރަށުގައި ދިރިއުޅޭ ގިނަ މީހުންގެ ގޭގެގައި ދުފުމަށް ޙާއްސަކޮށް ދުފާ މަޑިސީލަ ތަތްޔާރު ކޮށްފައި ހުރެއެވެ. ގިނަ ބަޔަކު ދުފަނީ ކެއުމަށްފަހު އަނގަމީރުކޮށްލުމުގެ ގޮތުންނެވެ. އެ ފަރާތްތަކުން ޤަބޫލުކުރާގޮތުގައި ކެއުމަށްފަހު ދުފުމަކީ ހިތްހަމަ ޖެހުމާއި އުފަވެރިކަން ގެނެސްދޭ ކަމެކެވެ. އުމުރުން ދުވަސްވީ ބައެއް މީހުންނަށް ދުފުން ޢާންމުކަމަކަށް ވެފައިވާއިރު، ދުފުމާއި ނުލައި އުޅުމަކީ އުނދަގޫ ކަމެއް ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އާންމުކޮށް ދުފައި އުޅޭ ޒުވާނުން ބުނާގޮތުގައި އެމީހުން ދުފަނީ އެއިން ހަށިގަނޑުގައި ވަރު ޖެހޭކަމަށް ޤަބޫލުކުރެވޭތީއެވެ. މިއީ މުޅިއަކުން ދޮގުވާހަކައެއް ވެސް ނޫނެވެ. ފޯކުގައި ހިމެނޭ އަލްކަލޮއިޑް މާއްދާތަކުން އެޑްރިނަލިން ކިޔާ ކެމިކަލް ހޯމޯން ހަށިގަނޑުގައި އިތުރުކުރެއެވެ. އެޑްރިނަލިން އަކީ ހަށިގަނޑު އެލަރޓްވެ، ހެލިފެލިވުން އިތުރުކުރުވާ ހޯމޯންއެކެވެ. މީގެ އިތުރުން، ދުފުމުން، ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިހުސާސްވެސް ލިއްބައިދެއެވެ.

ކަންމިހެންހުރި ނަމަވެސް ސައިންސްވެރިންގެ ފަހުގެ ހޯދުންތައް ދައްކާގޮތުގައި ދާއިމީގޮތެއްގައި ދުފުން، ނުވަތަ އެހެންވެސް ގޮތްގޮތަށް ފޯއް ބޭނުންކުރުމަކީ އެކަމުން ސިއްޙީ ވަރަށް ބައިވަރު ގެއްލުން ލިއްބައިދޭ ކަމެކެވެ.

ވަގުތީ ފައިދާތައް ހުއްޓަސް ދުފުމުގެ ސަބަބުން ހަށިގަނޑަށް ކުރިމަތިވާ ގެއްލުންތައް ނުހަނު ގިނައެވެ. އިންޑިއާގެ ކެންސަރާއި ބެހޭ ދިރާސާތައް ހަދައި ޝާއިއު ކުރާ ސައިސްވެރިންގެ ޓީމަކުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި ފޯކުގައި ދެވި ހިފުމަށް މަގުފަހިކުރުވާ، އަދި ހަށިގަނޑަށް ގެއްލުންލިއްބައިދޭ ވަރަށް ގިނަ މާއްދާތައް ހިމެނެއެވެ. ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާއިން ފޯއް ހިމަނާފައިވަނީ ކެންސަރަށް މަގުފަހިކުރުވާ އެއްޗެއްގެ ގޮތުގައެވެ.

އާންމުގޮތެއްގައި ފޯއް ބޭނުންކުރާނަމަ އެއަށް ދެވިހިފާގޮތްވެ، ބޭނުން ނުކޮށްފިނަމަ ނުވަތަ ބޭނުންކުރުން ހުއްޓައިލުމުން އެކި އުނދަގޫތައް ކުރިމަތިވެއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދުފުމަކީ ރައްކާތެރި ނޫންކަމެއް ކަމުގައި ނިންމައި، ހަށިގަނޑަށް ގެއްލުން ލިއްބައިދޭ ވިހަ މާއްދާތަކުގެ ލިސްޓަށް ފޯކުގެ އެކި ބާވަތްތައް ލާފައެވެ. ސެންޓަރ ފޮރ ޑިސީޒް ކޮންޓްރޯލް އިން ވަނީ ދުފުމާއި ދެކޮޅަށް ސިއްހީ އިންޒާރެއްވެސް ނެރެފައެވެ. އެ އިންޒާރުގައިވަނީ، ދުފުމުން އަނގައިގެ ކެންސަރު ޖެހުމާއި، އަނގައިގެ ހަން ބޯވެ، ހަރުވާގޮތްވުމާއި، އެއަށް ދެވިހިފުމާއި އަދި ދަރިމައިވުމުގެ ނިޒާމަށް އެކި ގެއްލުންތައް ވުމަށް މަގުފަހި ކުރާ ކަމަށެވެ.

އަނގައާއި ކާއެއްޗެހި ދަތުރުކުރާ ހޮޅި ނުވަތަ އީސޯފޭގަސްއަށް ޖެހޭ ކެންސަރު ޖެހުމަށްވެސް މަގުފަހިކުރާ އެއް ކަމެއްގެ ގޮތުގައި ދުފުން ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން މާބޮޑަށް ފަލަވުމާއި، ހިތުގެ ބަލިތައް ޖެހުމާއި، ހަކުރު ބަލި ޖެހުމާއި، އަނގަ، ކަރު، ފުރަމޭ، ފިތް އަދި ރަހިމުގެ ކެންސަރު ޖެހުމަކީވެސް ދުފުމުގެ ސަބަބުން މެދުވެރިވެދާނެ ކަންކަން ކަމަށް ސިއްޙީ ތަޖުރިބާކާރުން ބުނެއެވެ.

ފޯއް ބޭނުންކުރުމުން، ހިތުގެ ތެޅުމާއި ވިންދު އަވަސްކުރުވައި ލޭގެ ޕްރެޝަރ މަތިކުރުވައެވެ. ދުފަން ފަށާތާ ދެތިން މިނިޓް ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން މައްޗަށް ގޮސް ދާހިއްލަން ފަށައި ހަށިގަނޑަށް އިތުރު ބަދަލުތައް އަންނަން ފަށައެވެ.

ފަހުގެ ދިރާސާތައް ދައްކާގޮތުން  ފޯއް ބޭނުންކުރުމުން ހަނދާން ވަރުގަދަކޮށްދީ މަސައްކަތަށް އިތުރަށް ފަރުވާތެރި ކޮށެއް ނުދެއެވެ. ސައިންސްވެރިން މިގޮތަށް ނިންމާފައިވަނީ ފޯއް ބޭނުންކުރުމަށްފަހު އިންސާނާގެ ސިކުނޑީގެ މަސައްކަތް ހިނަގާގޮތް ބެލުމަށް އެ ދިރާސާގެ ބައިވެރިންގެ އީއީޖީ ހެދުމަށްފަހުއެވެ. ސައިންސްވެރިންގެ ބައެއް ހޯދުންތައް ދައްކާގޮތުން ހަށިގަނޑުގައި އަރެކޮލިން ގެ މިންވަރު 50 މައިކްރޯމީޓަރަށް ވުރެ އިތުރުވެއްޖެނަމަ ނާރުތަކަށް ގެއްލުން ލިބި، އަދި އެއަށްވުރެ މަތިވެއްޖެ ނަމަ ސެލްތައް ހަލާކުވެ މަރުވެގެން ގޮސްދާނެއެވެ.

މި ހުރިހާ ގެއްލުމެއް ލިބޭ ދުފުމަކީ އަލުގަނޑުމެންގެ އާންމު ދިރިއުޅުމާއި ކިތަންމެ ގުޅުންހުރި، އަދި އާދަކާދައިގެ ތެރޭގައި ހަރުލާފައިވާ ކަމެއް ނަމަވެސް މިއީ ލަސްނުކޯށް ހުއްޓާލަން ވެފައިވާ އާދައެކެވެ.

އަނގައިގެ ކެންސަރަށް ތިބާ ހުށަހެޅުމުގެ ކުރިން ދުފުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުން ފަދަ ކަންކަމުން ދުރުހެލިވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް