މާލޭގެ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑެއްގެ ކިޔެވުން މި މަހު ފަށަނީ

މާލޭ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑަކަށް މި މަހު ކިޔަވައިދޭން ފަށަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިޔަށް އޮތް ދެ ހަފްތާގައި އެ ގްރޭޑަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އިތުރު ގްރޭޑް...

11 Oct 2020 | 10:13

މާލޭ ސްކޫލްތަކުގައި އިތުރު ދެ ގްރޭޑަކަށް މި މަހު ކިޔަވައިދޭން ފަށަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިޔަށް އޮތް ދެ ހަފްތާގައި އެ ގްރޭޑަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އިތުރު ގްރޭޑްތަކަކަށް ކިޔަވައިދޭން ނިންމީ މާލޭ ސިޓީގެ ކޯވިޑް-19 ގެ ހާލަތަށް ބަލައި އެޗްޕީއޭގެ ލަފާގެ މަތިން ނެވެ.

މިމަހުގެ 19 ވާ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގްރޭޑް އަށެއްގެ ކިޔެވުމެވެ. އަދި 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ގްރޭޑް ހަތެއްގެ ކިޔެވުމެވެ.

ސްކޫލްތައް ހުޅުވުމަށް ފަހު މާލޭގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމުން ސްކޫލްތައް ބަންދު ކުރުމަށް ފަހު ގްރޭޑް 9-12 އަށް އަލުން ކިޔަވައިދޭން ފެށީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިދިޔަ ޖުލައި މަހު ނިއު ނޯމަލްގައި ސްކޫލްތައް ހުޅުވި އިރުވެސް މާލޭ ސިޓީގައި ކިޔަވައިދިނީ ގްރޭޑް 9-12 އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށާފައިވަނީ ރައްކަތެރިކަމުގެ ގޮތުން ކުރިއެކޭ އެއްގޮތަށް ސްކޫލްތަކުގައި އެކަށީގެންވާ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު ކަމަށެވެ. އަދި ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން ބެލެނިވެރިންނަށް ކަށަވަރުކޮށްދޭކަމަށެވެ.

އެގޮތުން މިހާތަނަށް ސްކޫލް މާހައުލުން އެއްވެސް މީހަކަށް ކޯވިޑް ޖެހިފައިނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކުރިއެކޭ އެގޮތަށް ދަރިވަރުންނަށް ސްކޫލުގައި އުޅޭނީ މާސްކު އަޅައިގެންނެވެ. އިޖްތިމާއީ ގައިދުރު ކަމާއި އެކު ސްކޫލަށް ވަންނަ އިރު ފިިނިހޫނު މިން ބަލައި އަތް ދޮންނަން ޖެހޭނެ އެވެ.

މިއަދުން ފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު ފަސް ގަޑިއިރަށް އިތުރު ކުރި ނަމަވެސް މާލޭ ސިޓީގެ ސްކޫލްތަކުގައި އަދިވެސް ކިޔަވައިދޭނީ ހަފްތާ އަކު ހަތަރު ދުވަހު ހަތަރު ގަޑިއިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް