ޓެކްސީ ޑްރައިވަރު ގާސިމް ޙަސަންގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ވަކީލަކާ މަޝްވަރާ ކުރުމަށް އިތުރު ފުރުޞަތެއް ދީފި އެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގައި މައްސަލައިގައި ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމުގެ މައްސަލައިގައި ގާޒީ ސުވާލު ކުރުމުން އަދުހަމް ފުރަތަމަ ބުނީ، ވަކީލަކާ ނުލައިވެސް މައްސަލަ ކުރިއަށް ގެންދަން އެއްބަސްވާ ކަމަށެވެ. އަދި މައްސަލައިން ދިފާއުވުމަށް ވާހަކަ ދެއްކޭނެ ކަމަށްވެސް ބުންޏެވެ.
އެހެންނަމަވެސް އަދުހަމް ބުނީ ދައުވާގެ ހުރިހާ ލިޔެކިޔުންތައް ބޭނުންވާ ކަމަށައި ވަކީލަކު އައްޔަން ކުރުމަށް ފޯމު ހުށަހަޅައިގެންވެސް ޖަވާބެއް ނުލިބުނު ކަމަށެވެ.
"ކޮތަރު ކޮއްޓެއްގައި އޮންނަން ޖެހޭއިރު، ވަކީލަކު އައްޔަނު ކުރަން ދަތިވާނެ. އެކަމަކު ވަކީލަކާ މަޝްވަރާ ކުރުމަށް އެކަށީގެންވާ ފުރުޞަތު ލިބިއްޖެ ނަމަ، އާ ވަކީލަކު ހަމަޖެއްސިދާނެ." އަދުހަމް ބުންޏެވެ.
އަދުހަމްގެ މި ވާހަކަތަކަށް ރިޔާޢަތް ކުރައވާ ގާޒީ ވަނީ އެ ފުރުސަތު ދެއްވުމަށްފަހު، އެހެން ދުވަހަކަށް އަޑުއެހުން ތާވަލުކުރަން ނިންމަވާފަ އެވެ.
އުމުރުން 49 އަހަރުގެ ގާސިމު މަރާލާފައިވަނީ، ޑިސެމްބަރު 4، 2019 ދުވަހުގެ ރޭގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދީގެން ނެވެ. އަދި އޭނާގެ މަރާ ގުޅިގެން އުމުރުން 21 އަހަރުގެ އަދުހަމް ހައްޔަރުކުރީ ޑިސެމްބަރު 19 ވަނަ ދުވަހު އެވެ.
މި މައްސަލައިގާ އަދުހަމް ވަނީ ފައިސާތަކެއް ފޭރިގަތުމަށް ތޫނު އެއްޗަކުން ހަމަލާދީ ގާސިމު މަރާލި ކަމަށް މީގެ ކުރިން އިއުތިރާފުވެފަ އެވެ. ނަމަވެސް އެންމެ ފަހުން މި މައްސަލައިގެ އަޑު އެހުން ބޭއްވި ދުވަހު އޭނާ ވަނީ އެކަމަށް އިންކާރު ކޮށްފަ އެވެ.
ހުސްވި ސެޕްޓެމްބަރު 28 ގައިވެސް މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަަމަވެސް ފަހުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް