އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް އިސްކަމެއްދީގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން އަރުވަން: ޖެންޑަރ މިނިސްޓްރީ

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އަރުވާކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމ...

11 Oct 2020 | 07:20

އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އަރުވާކަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ބައިނަލްއަވާމީ ގޮތުން ފާހަގަކުރާ އަންހެންކުދިންގެ ދުވަހުގެ މުނާސަބަތުގައި ނެރެފައިވާ ނޫސްބަޔާނުގައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހެވެ. މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ އަންހެން ކުދިންގެ ދުވަހުގެ ގޮތުގައި އ.ދ އިން ކަނޑައަޅާފައިވަނީ 19 ޑިސެންބަރު 2011 ވަނަ އަހަރުއެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ، ދުނިޔޭގެ އެކި ކަންކޮޅުގައި އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުވައި، އަންހެން ކުދިންގެ ހައްޤުތައް ކުރިއަރުވައި، އަދި އެކުދިންނަށް އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުޞަތު ހޯދައިދިނުމެވެ. އަންހެން ކުދިން ބާރުވެރިކުރުވުމަށްޓަކައި ޚާއްސަ މަސައްކަތެއް ކުރުމަށް އ.ދ އިން ކަނޑައަޅާފައިވަނީ، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތްތަކެއް ކުރަންޖެހިފައިވުމުންނެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރުމަށް އ.ދ އިން ކަނޑައަޅާފައިވާ ޝިއާރަކީ    “My Voice: Our Equal Future” އެވެ.

ޖެންޑަރ މިނިސްޓްރީގެ އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި މި އަހަރުގެ މި ޝިޔާރުގެ މަގްސަދަކީ އަންހެން ކުދިންގެ އަޑުއަހާއި، ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުޙިއްމުކަމާއި، ހެދޭ ސިޔާސަތުތަކަކީ ހަމަހަމަ ފުރުޞަތުތައް ލިއްބައިދޭ، ނަތީޖާގެ ހަމަހަމަކަމަށް ވާޞިލުވާ ސިޔާސަތުތަކަށްވުމެވެ.

މިއީ ޖެންޑަރ އީކުއާލިޓީ ޤާނޫނުންވެސް، އަދި ހަމަ އެހެންމެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުންވެސް ބާރުއަޅާކަމެކެވެ. އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުވުމަށް މި ސަރުކާރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން ދާއިރު މައިގަނޑު މަސައްކަތްތައް އަމާޒުވެފައިވަނީ އަންހެން ކުދިން އެކުދިންގެ އަމިއްލަ ނަފްސާއި މެދު ދެކޭގޮތް ހަރުދަނާކުރުމަށާއި، ކޮންމެ ކުއްޖަކީވެސް ޤާބިލުކަން ހުރި ކުއްޖެއްކަމާއި، މާދާމާގެ އިސް މަޤާމުތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަށެވެ.

"އަންހެން ކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭ އެންމެހާއި މަސައްކަތްތަކަކީ އިސްކަންދީގެން މި ސަރވިސްއިން ކުރަމުންދާނެ މަސައްކަތްތައްކަން ޔަޤީންކަން އަރުވަމެވެ." އެ މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އަދި މިކަމުގައި އެންމެހާ ފަރާތްތަކުން މި ސަރވިސްއަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް